ތިނަދޫ އަކީ މީގެ އަހަރު ތަކެއްގެ ކުރިން ފެންމީރުކަމަށް މަޝްހޫރު ރަށެކެވެ. ތިނަދޫ މީހުން ޒަމާނުއްސުރެ ބޯން ބޭނުންކުރާ " ހޮއްވަޑު" ފެނަކީ ވާރޭފެންހައި ތާޒާ ލުއި ފެނެކެވެ. އެފެން ބޮއި އާލާ ނުކެނޑޭހާ މީރު ފެނެކެވެ. އަދި ރަށުގެ ބަރާސީލް އަވަށް ފިޔަވައި އެހެން ހުރިހާ ސަރަހއްދެއްގެ ފެންވެސް އެހާ ސާފްވެފަ މީރެވެ. މިކަމަށް އިޝާރަތްކޮށް ޝާޢިރަކު ވިދާޅުވެފައިވަނީ "ފެންމީރުވި ރީތި ރަށޭމީ ރޫޙްވަނީ ތިނަދޫ ގައޭ" . ޒަމާނެއްގަ ތިނަދޫގެ ފެނަކީ މިހާސާފު ފެނަކަށްވިޔަސް މިއަދު މިވަނީ މިހާލަތު ބަދަލުވެފައެވެ. ފެން ތަޙުލީލުކޮށް ފެނުގައި ނަޖިސް އެކުލެވިފައިވާ މިންވަރު ރަސްމީކޮށް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް ތިނަދޫގެ ފެން ބޯން ބޭނުން ނުކުރެވޭތާ ބައެއް ސަރަހައްދު ތަކުގެ ފެން ހިނައި ތާހިރުވާންވެސް ބޭނުން ނުކުރެވޭވަރަށް ވަނީ ތަޣަޔައްރު ވެފައެވެ. މިކަމުގެ ސަބަބުން ފެނުންޖެހޭ ބަލިތައް ފަހަކަށްއައިސް އިތުރުވަމުންދާކަން ފާހަނގަ ކުރެވެއެވެ. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އިންސާނީ ބޮޑުމުސީބާތެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަރަށްބޮޑެވެ. އެހެންކަމާއެކު މި މައްސަލައަކީ މިއަދު ތިނަދޫގައި އިންސާނުން ދިރިއުޅުމާ ގުޅިފައިވާ މައްސަލައެކެވެ.
ތިނަދޫގެ ފެނުގެ މައްސަލާގައި ކުރީގެ ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް އަދުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައީސްކަމާ ހަވާލުވެ ވަޑައިގެން ތިނަދުއަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި ތިނަދޫ ފެނުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ޖޫން މަހުގެ ކުރީގައި ފައްޓަވާނެ ކަމަށް ވަނީ ވިދާލުވެފައެވެ. ފަޚާމަތުއްރައީސް މުޙައްމަދު ނަޝީދު 29 ޑިސެމްބަރ 2009 ގައި ތިނަދުއަށް ވަޑައިގެން ތިނަދޫގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ " އިރާދަކުރެއްވިއްޔާ، ޖޫންމަހުގެ ކުރީގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ފެނާއި ނަރުދަމާއާއި މަގު ހަދައިދިނުމުގެ މަސައްކަތް ފަށާނަން." ރައީސް މި ދެއްވި އުފާވެރި ޚަބަރު ތިނަދޫގެ ރައްޔިތުން ބަލައިގަތީ ޝުކުރާއި އުއްމީދާއެކުއެވެ. އަދި އަމަލުން އެކަން ތިނަދޫގެ ރައްޔިތުންވަނީ ދައްކުވައިދީފައެވެ.
އެހާއަވަހަށް މަސައްކަތް ފައްޓަވާނެ ކަމަށް އެވިދާޅުވީ ހަގީގަތުގަވެސް ތިނަދޫގެ ފެނުގެ މައްސަލާގެ ސީރިއަސްކަން އެމަނިކުފާނަށް ވަޒަން ކުރެއްވޭތީއެވެ. އެމަނިކުފާނުވަނީ އިސްލާހީ މަސައްކަތުގަ އުޅުއްވަމުން އެތަކެއްފަހަރު ތިނަދުއަށް ވަޑައިގެންފައެވެ. ރައީސް މިވިދާޅުވި މަޝްރޫޢުތަކަކީ އެތައް މިލިޔަން ރުފިޔާގެ މަޝްރޫޢު ތަކަކަށް ވިޔަސް ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއެކުވެސް އެކަން ކުރެއްވޭނެ ކަމަށް އިޝާރަތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ " މިރަށަށް އައުމުގެ ކުރީގައި، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެން ދުށީ ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައި އައީމާ، ފަހަރެއްގައި ތިނަދުއަށް އަންނައިރު އުފާވެރި ޚަބަރަކާ އެކީގައި އާދެވިދާނެއޭ. "
މިހާއަގުބޮޑު މަޝްރޫޢުތަކެއް އެހާއަވަހަށް ފައްޓަވާނެ ކަމަށް އެވިދާޅުވީ ހަގީގަތުގަވެސް އެކަން ކުރައްވަން އެމަނިކުފާން ބޭނުންފުޅު ވާތީއެވެ. އެބާވަތުގެ ކަންކަމަކީ ދިރާސާތަކެއްގެ އަލީގަ މަޝްރޫޢުތައް އެކުލަވާލައި އިންޖިނިއަރިންގ އާއި ކުރެހުމުގެ މަސައްކަތް ކުރުމަށްވެސް މުއްދަތެއް ހޭދަވާނެ ކަންކަމެވެ. އަދި އޭގެ ފަހުން ފަންޑް ހޯދުމާއި ބިޑްކުރުމުގެ މަރުހަލާގައިވެސް ދުވަސްތަކެއް ހޭދަވާނެ އެވެ. ނަމަވެސް ރައީސް ވިދާޅުވިގޮތުން ރައްޔިތުންނަށް އިހްސާސްވީ ޖޫންމަސް ނިމޭއިރު މެޝިނަރީ ގެނެސް މަގުމަތި ކޮނެ ހޮޅިތައް އެޅެމުންދާނެ ކަމަށެވެ. އެއީ ރައްޔިތުން އެކަމަށް ބޭނުންވެފަ ތިބިވަރުން އިހްސާސް ކުރެވޭނެ ގޮތެވެ.
ޖޫންމަސް ނިމި އަދި އަހަރު ނިމެމުންދާއިރު އެހިސާބަކަށް ނާދެވެއެވެ. ސަރުކާރުން މީޑިޔާ މެދުވެރިކޮށް މިހާތަނަށް ހާމަކޮށްފައިވާގޮތުން މަގު ހެދުމުގެ މަސައްކަތް މިހާރުވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލު ކުރައްވާފައެވެ. އަދި ނަރުދަމާގެ އިންޖިނިއަރިންގ ކުރެހުންތައް ކުރެހުމާއި ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ ކުންފުންޏަކާއި ހަވާލުކުރައްވާފައެވެ. އެހެންވީމާ އެދެކަން ކުރިޔަށް ދާކަށް ބެލެވެއެވެ. ނަމަވެސް ފެނުގެ މަޝްރޫއޫ އޮތްގޮތެއްގެ އެއްވެސް މަޢުލޫމާތެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ސުނާމީއާއި ގުޅިގެން ސިންގަޕޫރު ސަރުކާރުން ހަދިޔާކުރި ފެންޕްލާންޓެއް ގެނައިގޮތަށް އަވީގައާއި ވާރޭގައި ހުރެ ހަލާކުވިފަހުން ކުރީގެ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެ ޕްލާންޓް އިންސްޓޯލްކޮށް ފެންދިނުމުގެ މަސައްކަތް ފެންކުންފުނި އެމް.ޑަބްލިޔު އެސް.ސީ އާއި ހަވާލުކުރެއްވުމާއި ގުޅިގެން އިމާރާތެއް އަޅައި ޕްލާންޓް މިހާރުވަނީ ހިޔާކޮށްފައެވެ. ނަމަވެސް އޭގެފަހުން ސަރުކާރު ބަދަލުވުމާއި ގުޅިގެން އެކަން ވަނީ ހުއްޓިފައެވެ. މިސަރުކާރުން ، ސްޓޭޓް މިނިސްޓަރ އޮނަރަބްލް ޢުމަރު ޖަމާލް އެ ޕްލާންޓް ބައްލަވައި ވަރަށް އަވަހަށް ޕްލާންޓް އިންސްޓޯލް ކުރެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އޮނަރަބް ޢުމަރު ޖަމާލަކީ މިބާވަތުގެ ކަންކަމުގެ ތަޖުރިބާހުރި އިންޖިނޭރަކަށް ވުމާއެކު ވަރަށްއަވަހަށް ޕްލާންޓް އިންސްޓޯލް ވާނެކަމަށް ރައްޔިތުން އުއްމީދު ކުރިއެވެ. ނަމަވެސް އަމަލީގޮތުން އަދި މިހާތަނަށް އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެނެއެވެ. އަދި ޚަބަރެއްވެސް ނެތެވެ. ޕްލާންޓްގެ ޙާލަތު ދުވަހެއްދުވަހަކަށް ގޯސްވެ ދަބަރަށްވަމުން ދަނީއެވެ.
ތިނަދޫގެ ރައްޔިތުން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން މިދަނީ މިކަމަށް ސަރުކާރުން ހައްލެއް ހޯދަވާދެއްވާނެ ކަމަށެވެ. ތިނަދޫގައި ގިނަކަންތައްތަކެއް ކުރަންވެފަ ހުރިނަމަވެސް އޭގެ ތެރެއިން އެންމެއިސްކަމެއް ދޭންޖެހެނީ ސާފުފެން ލިބޭނެގޮތެއް ހޯދުމަށެވެ. ކުރިންވެސް ދެންނެވިފަދައިން ފެނުގެ މައްސަލައަކީ އިންސާނާގެ ދިރިހުރުމާއި ގުޅިފައިވާ ކަމަކަށްވުމާއެކު މިކަމަށް ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ރައްޔިތުން ދެއްވާނެ ކަމީ އެއްވެސް ޝައްކެއް ކުރާނެ ޖާގައޮތް ކަމެއްނޫނެވެ.
ވީމާ، ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައި ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރެއްވުމަށް ކުރަންވެފައިވާ މި މުހިއްމު މަސައްކަތް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ގޮތަށް އަމަލީގޮތުން ފެއްޓޭނެ ގޮތެއް އަވަސްގޮތަކުން އެބަހޯދަންޖެހެއެވެ.


2 comments:
photo in thi fennany thinadhoo tha? kon hisaabeh tha mee?
izzaitheri raees hadhavanee hus buhuthaanu dhogu.Kobaa alhai dheyn buni hurihaa vatharegge holhi tha?
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް