Sunday, November 22, 2009

އެޅިހާ ބަތަކަށް ރިހަ ކޮމެޓީ؟


-ދިހުސާން-

"އަތޮޅު ކޮމެޓީ" މިއީ ރާއްޖޭގެ ކަންކޮޅުތަކުން އަބަދުވެސް އިވޭ، ޢާއްމު ނަމެކެވެ. ނަމަވެސް އަތޮޅުކޮމެޓީއަކީ ކޮބައިކަމާއި، އެކޮމެޓީގެ މަސައްކަތަކީ ކޮބައިކަމާއި އެމަސައްކަތްތައް ކުރަނީ ކޮންބަޔެއްކަން އެނގެނީ މަދު ބަޔަކަށެވެ. އަތޮޅުކޮމެޓީއާއި މެދު ޚިޔާލުކޮށް އެކޮމެޓީން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއްކަން މިއަދު ދެނެގަންނަންޖެހެއެވެ. ސަބަބުތަކެއް ހުރީމައެވެ. އަތޮޅުކޮމެޓީއަކީ އަތޮޅުގެ ހުރިހާ ރަށަކުން މީހުން ހިމެނޭ ގޮތަށް މުޅި އަތޮޅުގެ ތަރައްޤީއާއި ތަހުޒީބާއި ގުޅިލާމެހިފައިވާ، އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކޮމެޓީއެކެވެ. ރައްޔިތުންގެ މާލިއްޔަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ރައްޔިތުންނަށް ފަހިކަން ގެނެސްދޭންޖެހޭ ކޮމެޓީއެވެ. ޙަޤީޤަތުގައި އެއީ އަތޮޅު ކުރިއަރުވާ ނުވަތަ ތަރައްޤީ ކުރާ ކޮމެޓީއެވެ. ރާއްޖެތެރޭގައި އަތޮޅުކޮމެޓީގެ މިންނެތް މަސައްކަތުން އެ ކޮމެޓީތައް ނިސްބަތްވާ އަތޮޅަށް ތަހުޒީބު ގެނެސްދީފައިވެއެވެ. ސީދާ އެއަތޮޅުތަކުގެ ފަރުދުންނަށް އަމާޒުކޮށްގެން ތަފާތު ދެމެހެއްޓެނިވި ތަރައްޤީގެ ޕްރޮގްރާމްތައް ހިންގާ ސީދާ ރައްޔިތުންނަށް މަންފާއާއި ނަފާ ހޯދައިދީފައިވެއެވެ. ކަންމިހެން ހުރިއިރު ކެރަވަޅު ހަދައި ރައްޔިތުންނަށް ގެއްލުންދެނިވި ހުރިހާ ޕްރޮޖެކްޓްތަކެއް ކާމިޔާބުކަމާއެކު ހިންގާ ކޮމެޓީތައްވެސް އަތޮޅުތަކުގައި އެބަހުއްޓެވެ.

އަޅުގަނޑުމެންގެ ހުވަދޫޕްރޮވިންސްގެ ދެކުނު ފަޅިއަށް ބަލާއިރު ގދ.އަތޮޅުކޮމެޓީއަކީ "ނަމޫނާ" އަތޮޅު ކޮމެޓީއެކެވެ. ގދ.އަތޮޅުކޮމެޓީގެ ދުރުނޫން މާޒީއަށް ބަލާއިރު ރައްޔިތުންނަށް ނަފާ ހޯދައިދިނުމުގެ ގޮތުން ބައެއްކަހަލަ މަޝްރޫޢުތައް ކުރިޔަށް ގެންގޮސްފައި އެބަހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވެން އޮތީ މަދު ކަމެކެވެ. 2002 ވަނަ އަހަރު އަތޮޅުކޮމެޓީން ޚަރަދުކޮށްގެން ފެއްޓި ފައިދާހުރި ސްޕީޑް ލާންޗުގެ ޚިދުމަތްވަނީ އެއިގެ ތެރެއަށް ކޮރަޕްޝަންގެ ފަނިފަކުސާ ވަދެ ކައިހުސްކޮށްފައެވެ. ނަމަވެސް ކޮމެޓީއަށް ކުލި ލިބޭ ގޮތަށް އެކޮމެޓީގެ ބިމެއް ކުއްޔަށް ދޫކުރެވިފައިވާއިރު ރައްޔިތުންގެ ނަމުގައި ބޭންކުގައި ފައިސާ ޑިޕޮޒިޓްކޮށްގެންނާއި ޙިއްސާ ގަނެގެން އަދި އަތޮޅު ފިހާރަ ކުއްޔަށް ދޫކޮށްގެން ކޮމެޓީއަށް އާމްދަނީ ލިބެމުންދެއެވެ. އެހެންކަމުން ގދ.އަތޮޅުކޮމެޓީއަކީވެސް އަތޮޅުގެ ރައްޔިތުންނަށް ނަފާއާއި މަންފާ ހޯދައިދިނުމާއި، ރައްޔިތުންގެ ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ކޮމެޓީއެއްކަން ޝުކުރުވެރި ކަމާއެކު ބަލައިގަންނަންޖެހެއެވެ.

ނަމަވެސް، ގދ.އަތޮޅު ކޮމެޓީއަށް ލިބޭ ނަފާ ނުވަތަ ފައިސާއަށް ވަނީ ކިހިނެއްބާވައެވެ؟ އެފައިސާ ހުރިހާ ރައްޔިތުންނަށް ބަހަނީ ހެއްޔެވެ. ނުވަތަ އެފައިސާއިން ކޮމެޓީގެ މެމްބަރުންގެ ޖީބުތައް ފުރާލަނީ ހެއްޔެވެއަތޮޅުކޮމެޓީގެ ފައިސާ ނުވަތަ އަތޮޅު މާލިއްޔަތުގެ ފައިސާ ހުންނާނީ ބެންކުގައި ބެހެއްޓިފައެވެ. އެއިން ޚަރަދުކުރެވެނީ އިސްވެ ދެންނެވިފައިވާ ފަދައިން ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަށެވެ. ބައެއްފަހަރު ކުޅިވަރަށް އެހީތެރިވުމަށެވެ. ނުވަތަ ރައްޔިތުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ރަމްޒީ އެހީދިނުމަށެވެ. އަނެއްބައިފަހަރު ކިޔަވާކުދިންނަށް އިނާމް ދިނުމަށެވެ. މިފަދަ އިޖުތިމާޢީ ކަންތައްތަކަށް ޚަރަދުކުރުމާއި، އަތޮޅުގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަޝްވަރާތައް ފުޅާދާއިރާއެއްގައި ކޮމެޓީން ނިންމައި، އޭގެ ކޮންމެވެސް މިންވަރެއް ރައްޔިތުންނަށް ލިބެމުންދެއެވެ.

ކަންމިހެން އޮތްއިރު ގދ.އަތޮޅުކޮމެޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކުގެ އަތޮޅުކޮމެޓީތަކާއި ކުޑައިކޮށް ތަފާތު ކޮމެޓީއެކެވެ. އެއީ ގދ.އަތޮޅުކޮމެޓީގައި ޝޫރާގެ މަތިވެރި އުސޫލް ބޭނުންކުރުން މަދުކަމެވެ. ކޮމެޓީގައި މެމްބަރުންތަކެއް ތިބިކަމުގައިވިޔަސް މުޅި ކޮމެޓީގެ ކޮންޓްރޯލް އޮންނަނީ ގދ.އަތޮޅުއޮފީހުގައެވެ. ކޮމެޓީން ނިންމަންޖެހޭ ކަންތައްތައް އެނގޭނީ އަތޮޅުއޮފީހުގެ ވެރިންނަށެވެ. ކޮމެޓީގެ މާލިއްޔަތުން ބޮޑެތި ޚަރަދުތައް އަތޮޅުއޮފީހުގެ ވެރިން "ބޭނުން ގޮތަކަށް" ކުރުމުގެ ބާރުވަނީ އެކޮމެޓީގެ މެމްބަރުން އެއޮފީހަށް ލިބިދީފައެވެ. އަތޮޅުއޮފީހުގެ ވެރިން އަތޮޅުކޮމެޓީން ކަމެއް ޙާސިލްކުރަން ބޭނުންނަމަ، އެވީ އަތޮޅުކޮމެޓީ އެއްކުރާށެވެ. އޭރު އޮންނާނީ އެކަން ނިމެންވާ ގޮތަކާއި ކަންކުރާނެ ގޮތުގެ ހުރިހާކަމެއް ކަނޑައެޅި ނިމިފައެވެ. ބައެއްފަހަރު އެއިގެ ކުރިން ކުރަންވާ ޚަރަދެއްކޮށްފައެވެ.

ޙައިރާންވާންޖެހޭ ކަމަކީ މިފަދައިން އަތޮޅުއޮފީހުން ބޭނުންވާ ކަންތައްތައް ނިންމުމަށްޓަކައި ކޮމެޓީގެ ޖަލްސާ އެޖެންޑާކޮށް އެޖަލްސާގައި އަތޮޅުއޮފީހުގެ ވެރިން ޖައްސަވާ ކޮންމެ ބެރަކަށް އަތޮޅުގެ ރަށްރަށް ތަމްސީލުކުރައްވާ އެރަށްރަށުގެ ކަތީބުން ނައްޓަވާކަމެވެ. އެހެނީ އަތޮޅުއޮފީހުން ހުށަހަޅާ ކޮންމެކަމެއް ފާސްކުރެއްވުމަށްޓަކައި ކޮމެޓީގެ މެމްބަރުން ވޯޓްދެއްވުމަށް އަތް އުފުއްލަވާކަމެވެ. ބައެއްފަހަރު ބައެއް މައްސަލަތަކުގައި ކަތީބުންގެ ތެރެއިން "ވިސްނުން ތޫނު ބޭފުޅުން" ބަޙުޘް ކުރައްވައެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. އަޣްލަބިއްޔަތު އޮންނަނީ އަތޮޅުއޮފީހުގެ ވެރިން ބޭނުންފުޅުވާ ގޮތަށެވެ. އަދި އެހުށަހަޅާ ކަމަކާއި ކިރިޔާވެސް އިދިކޮޅަށް ބަސްބުނި ފަރާތަކީ "ގޯސް" ކަތީބަކަށް ވެދެއެވެ. ގިނަ މެމްބަރުން މިގޮތަށް ރިޔާސަތުން ބޭނުންވާ ގޮތަށް ވޯޓް ދެއްވަނީ ނުވަތަ އިތުރު ބަހުޘް ނުކުރައްވަނީ "ގޯސް" ނުވެ ސަލާމަތްވުމަށެވެ.

ނަމަވެސް އަތޮޅުކޮމެޓީއަކީ އެޅިހާ ބަތަކަށް ރިހައަޅަން އޮތް ކޮމެޓީއެއް ނޫނެވެ. އެކޮމެޓީގައި ތިއްބަވާ ރަށްރަށުގެ މަންދޫބުންނަކީ ޚާއްސަކޮށް އެރަށެއްގެ ޢާއްމުކޮށް މުޅި އަތޮޅުގެ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނެވެ. އެވަކީލުންގެ ކުރިމައްޗަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ތިން ލޮލުން ބަލައި އެއަށް އިޤްތިސާދީ، އިޖްތިމާޢީ ވިސްނުންފުޅަކުން ވިސްނާވަޑައިގެން، ދުރުރާސްތާގައި އަދި މެދުރާސްތާގައި މުޅި ރައްޔިތަށް ލިބޭނެ މަންފާއާއި ގެއްލުމަށް ރިޢާޔަތްކޮށް އަތޮޅުކޮމެޓީގެ ޖަލްސާގައި ވަކާލާތު ކުރައްވަންޖެހިވަޑައިގަންނަވާނެއެވެއެހެންކަމުން އަތޮޅުއޮފީހުން ހުށަހަޅާ ހަމަކޮންމެ ކަމަކަށް ވޯޓް ދެއްވާކަށް ނުޖެހޭނެއެވެ. އެޅިހާ ބަތަކަށް ރިހަ އަޅާ ވަކީލުން ރައްޔިތުން މިހާރު ބޭނުން ނުވާނެއެވެ. އަދި އެފަދަ މީސްމީހުން އަތޮޅު ކޮމެޓީން މިހާރުން މިހާރަށް ނަގައި ބޭރުކުރަންޖެހެއެވެ.

1 comments:

dieDie on November 25, 2009 9:26 AM said...

I think Atoll committees cannot take independent decisions because of the influences of atoll office and 'katheeb'. I guess Atoll committe should operate independently detached from govt. It represents sentiments of people not the rulers. But sadly rulers in Maldives always exercise unprecedented power and people bear all the costs of their action :(..

Post a Comment

ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla