ގދ ފުނަމައުއްޑޫ ރޮބިންސަން ރިސޯޓުން އެރިރޯޓުގެ މުވައްޒަފުން ފުރައިގެން އައި ދޯންޏެއް ގދ މަޑަވެއްޔައް ބައެއްމީހުން ބަލާފައި މަޑަވެލިން ފުރައިގެން ގައިގަޑަކަށް މޭލެއްހާ ދުރަށް ދެވުނުތަނާ ގދ ކާޑެއްދޫއިން ފުރައިގެން ގދ ގައްދޫއަށް ދިޔަ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.
ޚަބަރު ލިބޭ ގޮތުގައި މަޑަވެލިން ފުރައިގެން އައި މި ދޯނި އޭގެ އިންޖީނުގެ މައްސަލައެއް ދިމާ ވެގެން އައި ވަރަށް މަޑުންނެވެ. 3 ޑިސެމްބަރ 2009 ވީ ބުރާސްފަތި ދުވަހު އިރު އޮއްސުނު އިރު ހިގި މި ޙާދިސާގައި ލޯންޗު ދުންވަން އިން މީހާ ލޯންޗު ދޯނީގައި ޖެހުނު ވަގުތު އިނީ ޖީ.ޕީ.އެސް އިން ކޯސް ދިނުމަށް ޖީ.ޕީ.އެސް އަށް ބަލަިގެންނެވެ. ލޯންޗު ދޯންޏާއި ކައިރިވުމުން ދޯނީގެ ދިރުބާކޮޅުގައި ތިބި ބަޔަކު އެ ލޯންޗު ދޯންޏާއި ދިމާލަށް އައުމުން ލޯންޗަށް ގޮވާ އިޝާރާތް ކުރިކަމަށްވެސް ވެއެވެ. އަދި ލޯންޗު އެއްވެސް އަތަކަށް އަބުރާނުލުމުން ދޯނި މަޑުކޮށް ފަހަތަށް ޖެހިކަމަށް ޚަބަރުލިބެއެވެ. ދޯނި ފަހަތަށް ޖެހުމުގެ ސަބަބުން ލޯންޗު އައިސް އެރީ ދޯނީގެ ދިރުބާ ކޮޅާވީ ދިމާލަށެވެ. އެހެން ނޫންނަމަ ލޯންޗު ގޮސް ޖެހޭނީ ދޯނީގެ ސީދާ މެދަށްކަމަށް ދޯނިން ދަތުރުކުރި މީހަކު މަޢުލޫމާތުދެއްވިއެވެ.
މި ޚާދިސާ ހިގި ހަބަރު ލިބުމުން ގދ ކާޑެއްދޫގައި ތިބޭ އެމް.އެން.ޑީ.އެފް ގެ ކޯސްޓުގާޑުންނާއި ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން ތިނަދޫ ރިޖަނަލް ހޮސްޕިޓަލުން މީހުން ސަލާމަތްކުރުމުގައި އާއި ފަރުވާދިނުމުގައި ޚަރަކާތްތެރިވިއެވެ. އަދި އަނިޔާ ލިބުން މީހުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށްގެނެސް ފަރުވާދޭން ފެށްޓުނެވެ.
މި ޙާދިސާގައި ލޯންޗާއި ދޯނީގައިތިބި މީހުންގެ ތެރެއިން ދިހަ މީހަކަށް އެކިވަރުގެ އަނިޔާވިއެވެ. މީގެތެރެއިން ލޯންޗު ދުއްވަން އިން މީހާގެ ވާތުފައިގެ ކަށިގަޑު ވަރަށް ބޮޑަށް ބިންދައިގެން ދިޔައެވެ. އަދި ދޯނީގައި އިން ޒުވާން ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވިއެވެ. މިޒުވާނާ އިތުރަށް ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުކުރި ލޯންޗުގައި އެއްމަސް ނުވާ ކުޑަކުއްޖަކާއި އޭނާގެ މަންމަ އިތުރުން އެހެން އަންހެނުންވެސް ތިއްބެވެ. ނަމަވެސް ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުގައި ތިނަދޫ ރިޖަނަލް ހޮސްޕިޓަލުން ހާމަކުރެއެވެ. މިޚާދިސާ ތިނަދު ޕޮލިސް ސްޓޭޝަންއިން ދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
ނޯޓް: މި ޚާދިސާއާއި ގުޅުންހުރި ފޮޓޯތައް ލިބުނު އެންމެ އަވަހަކަށް ހަވަރުއޮންލައިނުން ފެންނަން ހުންނާނެއެވެ.

0 comments:
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް