ގދ.ތިނަދޫއަކީ މުޅި މިދިވެހިރާއްޖޭގެ އެހެންބައެއްގެ ތެރޭގައި ނޯންނަ ވަރަށް އިޖްތިމާޢީ ރޫޙު އޮތް ބައެކޭ ބުނުމަކީ މުޅިއަކުން ދޮގަކަށްނުވާނެއެވެ. ތިނަދޫގެ ތާރީޙުގައި ތިނަދޫގެ ރައްޔިތުން އެކުގައި ކޮށްފައި ހުރި ބުރަ ބޮޑެތި މަސައްކަތްތައް މިކަމަށް ހެކިވާނެއެވެ. އިޖްތިމާޢީ ރޫޙަކީ މުޖުތަމަޢުގެ ތެރޭގައި އޮންނަ ހަމަޖެހުމާއި ގުޅުމުގެމައްޗަށް ބުރަވާ ފާޑެއްގެ ޖޯށެކެވެ. ހަމަޖެހުމެއްނެތް މުޖުތަމައެއްގައި މި ރޫޙޫ ގައިމުވެސް ކުޑަވާނެއެވެ. ދެން އުފެދޭ ސުވާލަކީ ތިނަދޫގައި މިރޫޙު ކުރިން ހުރީ ކިހާވަރަކަތްތޯ އާއި މިހާރު މި ރޫޙު ހުރީ ކިހާވަރަކަށްކަމެވެ.ތިނަދޫގެ ތާރީޙުގެ ސަފްޙާއަކަށް ބަލާލާއިރު "ހުޓުކޮޑޭ މިސްކިތް" ކިޔާ މިސްކިތަކީ މިދިވެހިރާއްޖޭގައިވެސް އެންމެފުރަތަމަ އެ ފެންވަރަށް ބިނާކުރެވުނު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. 16 ވަނަ ގަރުނުގެފަހުކޮޅުގައި ދެއްވަދޫރަސްގެފާނުގެ ރަސްކަމުގައި އެރަސްގެފާނުގެ ދައްތަ، ދޮންދަލޭކާކަނބުލޭގެފާނު ތިނަދޫއަށްއައިސް ބިނާކުރި މި މިސްކިތް ބިނާކޮށްފައި ހުރީ އޭރުގެ ވަޞީލަތްތަކަށް ބަލާއިރުގައި އިންސާނަކު ހައިރާންކުރުވަނިވި ފެންވަރަށެވެ. އަޅުގަނޑުމެން މިޒަމާނުގެ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންވެސް ނެހެދޭނެހާ ފުރިހަމައަށެވެ. ޝައްކެތްނެތެވެ، އެމަސައްކަތުގެ ހަގީގަތަށްބަލާއިރުގައި އެއީ ވަރަށްވެސް ބޮޑު، ބަޔާންކުރަންދަތި އިޖްތިމާޢީ ރޫހެއް ހުރެގެން އަޅުގަނޑުމެންގެ ކާބަފައިން ކޮށްފައިހުރި މިންނެތް މަސައްކަތެކެވެ. އެވޭލާ ޒަމާނުގައި މިކަހަލަ މަސައްކަތްކޮށް އުޅޭގޮތަކީ އެކަކު އިސްވެހުރެ އެކި ކަންކަމަށް މީސްތަކުން ބަހާލަނީއެވެ. މިގޮތުން އާއްމުކޮށް ފިރިހެންވެރިން ބެހިގެންވަނީ އެފަންނުގެ މާހިރުންނާއި މަސައްކަތު މީހުންނާއި އެހީތެރިންގެ ގޮތުގައެވެ. އަންހެންވެރިންނަކީ ކަމުގައި އަތްގާތްކޮށްދީ ޖޫސްހަދައި ފިރިހެންވެރިންނަށް ކޭމުހަދާ މީހުންނެވެ. އޭރު މިޒަމާނުގެ ފެންވަރާ ގާތަށްވެސް އިންޖިނިއަރިން، ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ ސޯޝަލް ސައިންސް ކިޔަވައިގެން ތިބިބަޔަކުނެތެވެ. ދެން އުފެދޭސުވާލަކީ ކިޔަވައިގެން ތިބިމީހުން އަނެއްކާ ކޮށީބާވައެވެ.
ތާރީޙުން މިފަދަ ކިތަންމެ ކަމެއްވެސް ދެއްކިދާނެއެވެ. މަގުމަތި ސާފްކުރުމުންފެށިގެންގޮސް ބޮޑެތި އިމާރާތްތަށް ތިނަދޫގައި ހަދާފައި ހުރީ ތިނަދޫގެ ރައްޔިތުން އަމިއްލައަށް އެއްވެސް އުޖޫރައަކާނުލާ ހުރި އިޖްތިމާޢީ ރޫހެއްގެ ބޮޑުކަމުންނެވެ. ތިނަދޫގެ ވަށައިގެން ވާ ޖެޓީ އެންމެފުރަތަމަ ހަދާފައިވަނީ 1967 ވަނަ އަހަރު މޫދުން ގާނަގައިގެން އައިސް އެއްވެސް އެކްސްކްލަވޭޓަރެއް ނޫނީ ލޯޑަރެއް ބޭނުން ނުކޮށް ތިނަދޫގެ ރައްޔިތުން އަމިއްލައަށެވެ. ދެން 90 ގެ ކުރީކޮޅު މިހާރު ފެންނަތްއޮތް ޖެޓީގެ ބޮޑުބައެއް ހެދީވެސް ހަމަ ތިނަދޫ ރައްޔިތުން އިޖްތިމާޢީކަމެއްގޮތުގައެވެ. ތިނަދޫގެ އާބާދީ މަރުކަޒު 1993 ވަނަ އަހަރު ހަދައިނިންމާލީ ހަދަންފެއްޓިތާ 48 ގަޑި އިރުނުވަނީސްއެވެ. މިކަހަލަ ކިތަންމެކަމެއް ތާރީޙުގައި ކުރެވިފައި އެބަހުއްޓެވެ.
ނަމަވެސް މިހާރު މިފެންނަނި އަމިއްލަގޭގެ ފާރުކައިރީއޮންނަ ކުނިކޮޅުވެސް ބިދޭސީއަކަށް އުޖޫރަ ދީގެން ނަގާތަނެވެ. ޒަމާން ތަރައްގީވެއްޖެއެވެ. ނަމަވެސް ކާބަފައިން އަޅުގަޑުމެންނަށް ޖޯކުޖަހާނެއެވެ. އެމީހުންގެ ނަސީބު ހަމަ ގަދައެވެ. ގްލޮބަލައިޒްޑް ގެ މާނައަކީ ސަރުކާރުން ނޫނީ އެހެން ބަޔަކު އައިސް އަޅުގަޑުމެންގެ ކަންތަށް ކޮށްދޭނެވާހަކަ ނުނެވެ. ނުވަތަ ޓެކްނޮލޮޖީގެ އެހީގައި އަޅުގަޑުމެން ބަޑުހިންދާ ވަހަކައެއްވެސް ނޫނެވެ.
ބައެއްމީހުން ބުނާތީ އަޑުއަހަމެވެ. ކާބަފައިންގެ ޒަމާނުގައި ކަންތަށް ހުރިގޮތާއި މިހާރު ކަންތަށްހުރިގޮތާއި ވަރަށްތަފާތެވެ. އެހެނވީމާ މިހާރު އިޖްތިމާޢީ ކަންތަކުގައި އެތަފާތު ފެންނަނީއެވެ. މިއީ މުޅިއަކުން ދޮގުވާހަކައެއްވެސް ނޫނެވެ. މުޅި ދިނިޔެ މިދަނީ ބާރުދުވެއްޔެއްގައި ކުރިއަރަމުންނެވެ. ނަމަވެސް އެއީ ބޭރުފުށުން އެކަންޏެވެ. ހަގީގަތަކީ އަޅުގަޑުމެން މިދަނީ ދުވަހަކަށްވުރެ ދުވަހެއް އެތެރެފުށުން ދަށަށްކަމެވެ.
ތަރައްގީގެ މާނައަކީ އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި އެކަކު އަނެކަކުގެ އަބުރާއިބެހުން ކަމަށްނަންޏާ އަޅުގަޑުމެން ތަރައްގީ އެބަވެއެވެ. ތަރައްގީއަކީ ކުޑަކުދިން ބޮޑެތިމީހުންނަށް އިޙްތިރާމްނުކުރުމާއި މައިންބަފައިންނަށް ކިޔަމަންނުވުމާއި ދީނީ ކަންތަކަށް ސަމާލުކަންނުދޭކަމަށް ވާނަމަ ތަރައްގީ ކިތަންމެހާވެސް އެބަވެއެވެ. ތަރައްގީއަކީ ބިދޭސިންނަށް އުޖޫރަދީގެން ތިމާގެ ނަޖިސްފޮހުން ކަމަށްވާނަމަ އަޅުގަޑުމެން މިތިބީ ތަރައްގީގެ އެންމެ ކުރީސަފުގައެވެ.





