ލޯތްބަކީ ހުރިހާއެއްޗެއްނޫން.

އިބްރާހިމް އަޙްމަދު



އިންސާނާއަކީ އޭނާގެ ޙަޔާތުގައި ތަފާތު އެތައް ކަންތަކާ ކުރިމަތިލާންޖެހޭ މަޚްލޫގެކެވެ. ތަފާތު އިޙްސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ތަފާތު ވިސްނުންތަކެއް ތަފާތު ވަގުތުތަކުގައި ނުވަތަ ޙާލަތް ތަކުގައި އިންސާނާއަށް ކުރިމަތިވެއެވެ. ބައެއްފަހަރު ހިތާމައެވެ. އަނެއްބައިފަހަރު އުފާވެރިކަމެވެ. އަނެއްބައިފަހަރު ރުޅިވެރިކަމެވެ. އެހެންނަމަވެސް ހިތާމަކީ ތިމާއަށް ދިމާވާ މިފަދަ ތަފާތު އިޙްސާސްތަކާމެދު އަމިއްލަ ނަފްސާ ސުވާލުކޮށް، ތިމާއާ މިފަދަ އިޙްސާސްތަކާ ކުރިމަތިލާންޖެހޭ ޙަޤީގީ ސަބަބު ހޯދަން އަމިއްލައަށް މަސައްކަތް ނުކުރެވުމެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސަށް ކުރަންޖެހޭ އިތުބާރު ކަނޑުވާލާ، ނުވިތާކަށް މުޅި ޙަޔާތް އޮޔާލާދާން ފުރުޞަތު ދިނުމެވެ.ތިމާއަކީ އެއްވެސް މީހެއް ނޫންކަމުގެ އިޙްސާސް ކުރެވެން ފެށުމެވެ. ޙާއްސަކޮށް އަޅުގަނޑުމެން ޒުވާނުންނެވެ
.
މީގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޒުވާން އުމުރުފުރައިގެ އަންހެންކުދިންނެވެ. އަޅުގަނޑުމެން އެންމެންވެސްދަންނަ " ޓީނޭޖް " އުމުރުން ނެއްޓި އެންމެ ޗާަލާ އުމުރަށްދާ ޒުވާނުންނެވެ. މިއުމުރުގެ ކުދިންގެ އެންމެ މައިގަނޑު އެއްކަމަކީ އެކުދިންގެ ލޯބީގެ ފަލްސަފާއެވެ.ސްކޫލްދައުރު ނިންމުމަށްފަހު ތިމަންނާއަކީ މިހާރު ބޮޑުކުއްޖެކޭ އަމިއްލައަށްބުނެ ފަޚްރުވެރިވެއެވެ. އަދި ލޯބީގެ މައިމަރުކަޒު ކަމައްވާ ހިތުގެ އަޅަކަށް ވެދެއެވެ. ލޯތްބަކީ ހުރިހާ އެއްޗެއްކަމަށް އޭނާ ހަދައެވެ. އޭނާގެ ފުރާނައަކީވެސް ލޯބިކަމުގައި އޭނާހަދައެވެ. އޭނާގެ ކެއުމާއި ބުއިން، އަދި އެހެނިހެން ކަންތައްވެސް އެއީ ލޯބީގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންތަކެއްކަމުގައި އޭނާ ދެކެއެވެ. ލޯބި ނުލިބިއްޖެނަމަ ދުނިޔެ މަތިންވެސް ފޫހިވެއެވެ. އޭނާއަށް ހީކުރެވޭ ގޮތުގައި އެހިސާބުން ދުނިޔޭގެ ނުވަތަ ޙަޔާތުގެ ބޭނުމެއް ނޯވެއެވެ. މިވިސްނުން ޢާއްމުގޮތުގައި ގެންގުޅޭ ކުދިން ދެކޭގޮތުގައި ލޯތްބަކީ ވެވޭ އެއްޗެކެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތެވެ. ލޯތްބަކީ ވެވޭ އަދި ވާން ބޭނުންވެއްޖެ ހިނދެއްގައި އަމިއްލައަށް ވެވިދާނެ އެއްޗެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަޒުވާނުން ކުދިންނާ ރައްޓެހިވަނީ ( ބިޓުން ނަގަނީ ) ގިނަފަހަރަށް ފެންނަފެނުމުން އަޅައިގަންނަ ގޮތެއް ހުރެގެންނެވެ. ފުރަތަމަދުވަހު ކުއްޖަކު ފެނުމުން އޭނާގެ ނަންބަރު ހޯދައި ގުޅާނެއެވެ. އެއަށްފަހު ވަރަށްގިނަ ވާހަކަތައް ދައްކައި ހަދާނެއެވެ. ހަނދުން މުސަޅުވެސް ދައްކާނެއެވެ. ކަނޑުގެ އޮޔާ ދުނިޔޭގެ ވަޔަކީ ޙަޔާތުގެ ރާގުކަމުގައި ސާބިތު ކޮށްދޭނެއެވެ. އެއަށްފަހު ދެމީހުން ރައްޓެހި ވާނެއެވެ. އެކަކު އަނެކަކަށް ވަޢުދުތައް ވާނެއެވެ. އެކުގައި މެނުވީ ނިމިގެން ނުދާން އަޙުދު ކަށްވަރު ކުރާނެއެވެ. އަދިވެސް ޙަޤީގަތުގައި ލޯތްބެއް ނުވެއެވެ. މިވަޢުދުތަކާއި އަޙުދު ތަކަކީ ތިމާކުއްޖަކާ ރައްޓެހިވެގެން އުޅޭތީ ވާ ވަޢުދުތަކެކެވެ. ތިމާއަކީ މަކަރުވެރި މީހެކޭ ބުނާނެ ފުރުޞަތެއް އަނެކާއަށް ނުދިނުމަށެވެ.
ލޯބިވެވެނީ އެކަކު އަނެކަކަށް އަޅާލާ، އިޙްތިރާމްކޮށް، ތެދުވެރިވެ، ރުހުމާ، ކުލުނާ، އޯގާތެރިކަމާ ހިންހެޔޮކަން ދިނުމުންނެވެ. ތިމާއަށް ހެޔޮއެދި އޯގާތެރިވާ ކޮންމެ މީހަކުދެކެ އިންސާނުން ލޯބިވެއެވެ. އެލޯބީގެ އަގެއްގެ ގޮތުން އޭނާވެސް އަނެކާއަށް އެ އޯގާތެރިކަމާ ރުހުން ދެއެވެ. މީގެސަބަބުން ދެމީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމްވެއެވެ. ދުވަހަކުވެސް ނުގުޑާފަދަ ޢަޒުމެއް ދެމީހުންގެ ސިކުނޑީގައި އަށަގަނެއެވެ. އެއަށްފަހު އެގުޅުމަށް ނަމެއްދީ ލޯބީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރެއެވެ. އެނަމަކީ އިޝްޤީ ލޯތްބެވެ. ބައެއް ކުދިން ދެކޭގޮތުގައި ލޯބިވެވެނީ ޙަޔާތުގައި އެކަކުދެކެ އެންމެ ފަހަރަކުއެވެ. އެކަމަކު މިވެސް ޙަޤީގަތެއް އޮތް ވާހަކައެއްނޫނެވެ. އެއްފަހަރާ ދެމީހުން ދެކެވެސް ލޯބިވެވިދާނެއެވެ. ދެފަހަރާ ދެމީހުން ދެކެވެސް ލޯބިވެއެވެ. މިހެން ވުމުގެ ޙަޤީގީ ސަބަބަކީ ލޯބީގެ ގުޅުމަކީ ރޫޙީ ގުޅުމެއްކަމަށްވުމެވެ. އެހެނީ ނުފެންނަ މީހެއްދެކެ ލޯބިވާ ފަހަރުވެސް އާދެއެވެ. މީގެ ހެއްކަކީ މިހާރަކަށް އައިސް ކާކުކަން ނޭގި ފޯނުން ގުޅޭމީހުން ދެކެވެސް ލޯބިވެ، އެންމެ ފަހުން ކައިވެނިކޮށް އެކުގައި މުޅިޙަޔާތް އުފަލުގައި ވޭތުކުރަމުންދާ ޒުވާނުންވެސް އަޅުގަނޑުމެންގެ މިމުޖްތަމަޢުގައި މިޙާރު އުޅެމުންގެންދާ ކަމެވެ.
ކުރިން ބުނެވިދިޔަ ފަދައިން ދެލޯބިވެރިން ވަރަށް ލޯބިން ދުވަސްތަކެއް ގުނަމުން ދަނިކޮށް ކޮންމެވެސް އެކަކު ބޭވަފާތެރިވެއެވެ. ގިނަފަހަރަށް ފިރިހެން ކުދިންނެވެ. ހަޤީގަތުގައި ބޭވަފާތެރިވަނީކީއެއްވެސް ނޫނެވެ. ލިބޭ އުފަލަކަށްޓަކައި ނުވަތަ ހިންހަމަޖެހުމަކަށްޓަކައި ފެންނަ ރީތިއަންހެން ކުއްޖަކާ ރައްޓެހިވަނީއެވެ. ލޯާބިވެގެނެއް ނޫނެވެ. ލޯބިވަނީ ހަމަ އެއްކުއްޖެއްދެކެވެ. އެހެން ނަމަވެސް އަންހެން ކުއްޖާއަށް އޭނާގެ ލޯބިވެރިޔާއާ އެހެންމީހަކާ ގުޅުމެއް އޮންނަކަން އެނގުމުން ލިބޭ ހިތްދަތިކަމާ އަންނަރުޅިއެއްގެ ސަބަބުން، ކަމުގެ ޙަޤީގަތް ސާފުކުރުމަށްވުރެ ބޮޑަށް މަސައްކަތް ކުރެވެނީ ރުޅި އިސްކުރުމަށެވެ. އެއީ އެކަންތަށް ވާނެގޮތްވެސް މެއެވެ. ރުޅިއަކީ ބާރުގަދަ އިޙްސާސެކެވެ. އެހެންވުމުގެ ސަބަބުން "ރުޅި" މިޙާލަތުގައި ކުރިހޯދައެވެ. ނަތީޖާއަކީ މައްސަލަބޮޑަށް ގޯސް ވުމެއެވެ. ދާންޖެހޭ މިސްރާބުނޫން މިސްރާބަކަށް ދިއުމެވެ. މިޙާލަތުގައި ފިރިހެން ކުއްޖާއަށްވެސް ވިސްނޭނީ ކަމުގެ އެންމެ ނެގެޓިވް ( ނުބައި ) ގޮތަށެވެ. އޭނާއަށް ހީކުރެވޭނީ ތިމަންނަ އަތުން ކުށެއް ކުރެވުނަސް ތިމަންނަގެ ލޯބިވެރިޔާ ތިމަންނައަށް މާފްކޮށް ނަސޭޙަތްދީ ތިމަންނަގެ ގައިގައި ހުންނަ ގޯސްކަންތައް އިސްލާޙު ކުރުމަށް މަސައްކަތެއް ނުކުރާކެމެވެ. އަދި އޭނާދެކެ ލޯބިނުވާކަމުގެ އިޙްސާސް ކުރެވެއެވެ. އޭނާގެ ލޯބިވެރިޔާ އޭނާއަށް އިތުބާރު ނުކުރާކަމުގެ އިޙްސާސް ކުރެވެން ފެށުމެވެ. ނަތީޖާއަކީ އެހެންމީހެއްގެ ފަރާތުން އޯގާތެރިކަމާއި ރުހުން ހޯދުމުގެ ވިސްނުން އައުމެވެ. އެންމެ ފުރަތަމަ ނަޒަރުވެސް ގޮސް ހުއްޓޭނީ އެއްކަލަ މަޖަލަކަށް ރައްޓެހިވި ކުއްޖާއަށެވެ. އެކުއްޖާގެ ފަރާތުން އޯގާތެރިކަމާއި ލޯބި ހޯދައެވެ. އަދި ކުރިން އެހެންމީހަކަށް ދެވިފައިވާ ލޯބި ފަހުން ދެވަނަ ފަރާތަކަށް ހިބަކުރެވެއެވެ.
މީގެ ސަބަބުން އަންހެން ކުއްޖާއަށް ފުންއަސަރުތަކެއް ކުރެއެވެ. އަދި ހިތުގެ ވޭންތަކަށް ކެތްނުކުރެވޭ ޙާލަތަށް ދެއެވެ. ދުނިޔެމަތިން ފޫހިވެއެވެ. ކެއުމާއި ބުއިމުގެ މަތިން ފޫހިވެއެވެ. އުފަލާ މަޖަލަކީ ނޯންނަ އެއްޖެއްކަމަށް ހަދައެވެ. އޭނާއަށް ޤަބޫލުކުރެވޭ ގޮތުގައި ޙަޔާތަކީ އަމުދުން ނުވާ އެއްޗެކެވެ. ފެށުމުގައި ފާހަގަ ކުރެވުނު ފަދައިން އިޙްސާސްތަކާމެދު ވިސްނުމެއްނެތެވެ ނެތެވެ. އަމިއްލަ ނަފްސާ ވާހަކަދެއްކުމެއް ނުވަތަ ސުވާލުކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއެވެ. އޭނާގެ ޙަޔާތުގެ ވަގުތު ނުމުނީއެވެ. ދުނިޔޭގައި ކުރަންޖެހޭ ކަންތައް ނިމުނީއެވެ.
އޭ... ލޯބީގެ ޤާނޫނުގެ ދަށުގައި އަޅުދާސްތުވެފައިވާ އާޝިގާއެވެ...! އަޑުއަހާށެވެ.." ލޯބީގެ ޤާނޫނަށްވުރެ މާބޮޑު އަދި މާބާރުގަދަ ޤާނޫނެއް ވެއެވެ. ޙަޔާތުގެ ޤާނޫނެވެ. ލޯބީގެ ޤާނޫނަކީ ޙަޔާތުގެ ޤާނޫނަށްފަހު އަންނަ އެއްޗެކެވެ. ލޯތްބަކީ ތިޔަހީކުރާ "ހިތުން" ވާ އެއްޗެއް ނޫނެވެ. ގުޅުންތަކަކީ ( ރިލޭޝަން ) ރޫޙީ ކަމެކެވެ. އިންސާނާގެ ނަފްސު ކުރާ ކޮންމެ ކަމަކީވެސް ސިކުނޑި ކުރަމުންގެންދާ ކަންތަކެކެވެ. އެގޮތުން ލޯތްބަކީވެސް ސިކުނޑި ހިންގާ އޮޕަރޭޝަނެކެވެ. އިމްތިހާނެކެވެ. އަހަރެމެން މޮޔަ އިންސާނުން ލޯތްބަކީ މާބާރުގަދަ އެއްޗެއް ކަމަށް ހަދައިގެން އުޅެނީއެވެ. ލޯބީގެ މައްޗަށް އަހަރެމެންނަށް ބާރު ހިންގިދާނެއެވެ. ކުރަންވީ ހަމައެކަނިކަމަކީ ސިކުނޑި އޭގެ އެންމެ ހެޔޮގޮަތުގައި ބޭނުން ކުރުމެވެ. އަހަރެމެން މިދުނިޔެއަށް އައީ އުފާވެރި އަދި ބާއްޖަވެރި ޙަަޔާތެއް ހޭދަކުރުމަށެވެ. ކުރިން ފާހަގަ ކުރެވުނު ފަދައިން، ލޯތްބަކީ ކޮންމެ މީހެއްދެކެވެސް ވެވިދާނެ އަދި ކޮންމެމީހެއްގެ ފަރާތުން ލިބިވެސްދާނެ އެއްޗެއްކަން ޤަބޫލުކުރުމެވެ. ހަވަނަ ޙިއްސެއްގެ ބޭނުންކުރުމެވެ. ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ލޯބިދޭށެވެ. އޯގާތެރިކަމާ އެހީތެރިކަން ދޭށެވެ. ތެދުވެރި މީހާކަށް ވާށެވެ. އޭނާގެ އިތުބާރު ހޯދާށެވެ. އޭރުން އިންޝާﷲ އޭނާގެ ލޯބި ތިބާއަށް ލިބި، ތިބާގެ ޙަޔާތް ބާއްޖެވެރި ވެދާނެތެވެ. ކިތައްމެ ބޮޑު ހިތާމައެއް ތިމާއާ ދިމާވިޔަސް ފަސްނުޖެހޭށެވެ. ތިބާ ދުނިޔޭގައި ތިޔަހުރީ ދުނިޔޭގައި ތިބާ ކުރަންޖެހޭ ކަންތަކެއް ބާކީ ހުރުމުގެ ސަބަބުން ކަން ހަނދާނަށް ގެންނާށެވެ. ތިބާގެ މަންޒިލަށް ވާޞިލް ވުމަށްޓަކައި ފަހަތަށް ނުޖެހި ކުރިޔަށް ދާށެވެ. ލޯބިވެސް ތިބާއަށެވެ. ޙަޔާތްވެސް ތިބާއަށެވެ."

ރޭގަ ހިގައިދިޔަ ހަމަނުޖެހުންތަކާއިގުޅިގެން ހަވަރުފޯރި ޢިދު ކުޅިވަރުތައް މެދުކަނޑާލުމަށްފަހު މިއަދު އަލުން ކުޅިވަރުތައް ފަށައިފިއެވެ.


ގދ ތިނަދޫގައި މިހާރު "ހަވަރުފޯރި" ނަމުގައި ފާހަގަ ކުރަމުންދާ ޢީދު ކުޅިވަރުތައް ވަނީ އިއްޔެ އެއްވެސްގޮތަކަށް ކުރިއްށް ނުގެންދެވިފައެވެ. ޢީދު ފުރަތަމަ ރޭ ކުޅެންހަމަޖެހިފައިވާ ބައިބަލާ މެޗަކަށް ތިނަދޫގެ ބަރާސިލް އަވަށަށް ނިސްބަތްވާ ޓީމެއް ނައުމުގެ ސަބަބުން އެޓީމް މުބާރާތުން ޑިސްކޮލިފައިކުރުމުގެ ސަބަބުން އެޓީމާއި އެޓީމަށް ތަރުހީބުދޭ މަދުބަޔަކު ވަނީ އިއްޔެގެ ކުލިވަރުތައް ހުއްޓުވުމަށް ތަފާތު ގިނަގޮތްގޮތުން މަސައްކަތްކޮށްފައެވެ. އެގޮތުން ރޭގަ ބައިބަލާކުޅޭ މައިދާނަށްއަރައި އެތަނުން ނުފައިބައި އެތަކެއް ހާޖާނުތަކެއް ހެދިއެވެ. އަދި މަސްލަހަތު ގޯސްވެ މާރާމޭރީއަކަށް ވާގިދެވިދާނެކަމަށްބަލައި ހަވަރުފޯރިޓިމް އިން ރޭގެ ކުޅިވަރުތައް ހުއްޓާލިއެވެ.
ނަމަވެސް 10 ޓީމް ބައިވެރިވި މި މުބާރާތުގައި އެއްމެ ޓީމަކާއިހެދި މުބާރާތް ހުއްޓާލުމުގެ ބަދަލުގައި އަނެއް 9 ޓިމުން ބޭނުންވީ މުބާރާތް ކުރިއަށްގެންދާށެވެ. އެގޮތުން މިއަދު އެޓީމްތަކުން އިސްނަގައިގެން އަލުން ވަނީ ބާކީހުރި މެޗުތައްކުޅެފައެވެ. މިރޭ ބަިބަލާގެ ފައިނަލްމެޗްގެ އިތުރުން "ޓެކުނިކު" ބޭންޑްގެ މިއުޒިކްވެސް ކުރިއަށްދާނެއެވެ.






ހަވަރުފޯރިގެ ތެރެއިން

ހަވަރުފޯރީގައި ހިމެނޭ ކުޑަކުދިންގެ ހަވިރު ވަރަށްވެސް ކާމިޔަބު


ހަވަރުފޯރި 1430ގައި ހިމެނޭ ކުޑަކުދިންގެ ހަވީރަށް ވަރަށްވެސް ބޮޑު ތަރުޙީބެއް ލިބުނެވެ. އިއްޔެ ހަވީރު ޒޯން 7 ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި ހަވީރުގައި ވަރަށްވެސް ގިން އަދަދެއްގެ ކުޑަކުދިންނާއި ބެލެނެވެރިން ބައިވެރިވިކަން ފާހަގަ ކޮށްލެވެއެވެ. ހަވަރުފޯރި ޓީމް އާއި ތިނަދޫގެ ފަމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ދިޔަ މިހަވީރުގައި ކުޑަކުދިންނަށް ޙާއްސަ ކުޅިވަރު ތަކުގެ އިތުރުން އާއިލާއާއި ގުޅޭ ތަފާތު މެސެޖްތައްވަނީ ފޯރުކޮށްދީފައެވެ.
މި ޙަރަކާތުގެ މަގުސަދަކީ އާއިލާއާއިއެކީ މަޖާކޮށްލައި އެންމެން އެއްތަނަކުން ދިމާވެ އާއިލާތަކުގެ ގުޅުން ވަރުގަދަކުރުމެވެ. ތިނަދޫގެ ރައްޔިތުންގެ ފަރާތުން މިފަހަރު ޢީދު ފާހަގަކުރުމުގައިވަނީ ވަރައްވެސް ބޮޑު އެއްބާރުލުމެއްލިބިފައެވެ.

ހަވަރުތިނަދޫ ކިޔުނުގޮތާއި ތިނަދޫ ހަގުރާމަ



ތިނަދޫގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމެއްގެ ގޮތުގައި އެނގެނީ އިސްލާމުންނާއި ކާފަރުން ތިނަދޫގައި ކުރި ހަނގުރާމައެއްގެ ވާހަކައެވެ.މި ހަންގުރާމައަކީ އައްސުލްތާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢްޡަމް ސިރީސަވާދިއްތަ މަހާރަދުންގެ ރަސްކަމުގައި، މާލެއިން ބަޔަކު (ހަވަރު) ގޮސް ތިނަދޫގައި ކުރި ހަނގުރާމައެވެ. ތިނަދޫގެ ނަން ހަވަރު ތިނަދޫއަށް ބަދަލުވީ މިހަނގުރާމަ އާއި ގުޅިގެންނެވެ. އުތީމު ރަދުންގެ ރަސްކަމުގައި މާލޭގެ ހަވަރު ތިނަދޫއަށް ގޮސްކުރި ހަނގުރާމައިގައި ވަރަށް ގިނަ ލޭއޮހޮރުނު ކަމަށް ބުނެވެއެވެ. މާލޭ ހަވަރަކީ އެޒަމާނުގައި އޮންނަ ރަސްކަމުގެ ފަރާތުގެ ލަޝްކަރެވެ. މިގައި ހިމެނެނީ ހަ ބައެކެވެ. އެއީ:-

ދޮށިމޭނާވަރު، ވެލާނާވަރު، ހަކުރާވަރު، މާފަތްވަރު، ދަހަރާވަރު، ފާމުލަދޭރިވަރު

 ގދ ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދު (ހުޑުކޮޑޭ މިސްކިތް) 1970ގެ އަހަރުތަކުގައި

ބައެއް މީހުން ބުނަނީ އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގެންއިރު އެރަށުގައިތިބީ ޣައިރު ދީނުގެ ބައެއް ކަމަށެވެ. މިހެންކަމުން އެރަދުން އެމީހުންނާއި ވާހަކަފުޅު ދައްކަވައި އިސްލާމްދީނަށް ގޮވާލެއްވުމުން އެމީހުން އިސްލާމްވީ ކަމުގައެވެ. ކޮންމެއަކަސް ދެންވީ ގޮތެއްކަމަށް ބުނެއުޅެނީ އުތީމު ރަދުން ތިނަދޫއިން ފުރާވަޑައިގަތްތާ ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވުމެވެ. މިކަންބޮޑުވެ ރަށުގެ މީހުން ހަދާނެ ގޮތެއްނޭގިގެން މިފިކުރުތެރޭ އުޅެނިކޮށް އޭރު މިހުންއުޅުނު ރަށެއްކަމުގައިވާ ރަހަދޫގައިއިން އަންހެނަކު ތިނަދޫގެ ކުދިން މަރުވާ ސަބަބަކީ ކުރިން އެމީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއްކަމަށް ބުނުމުން އަނެއްކާ ތިނަދޫ މީހުން ޣައިރުދީނަށް ވަނީއެވެ. މި ޚަބަރު މާލޭގެ ރަސްކަމުގެ ފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ "މަގަށް" އެޅުއްވުމަށް ލަޝްކަރު ފޮނުއްވީއެވެ. މިލަޝްކަރު އައިސް ކުރި ހަނގުރާމައިގައި ލޭއޮހޮރި އެތައް ބަޔަކު މަރުވީކަމަށް ބުނެއުޅެއެވެ. އެމަރުވީ މީހުންގެ ގަބުރުތައް ކަމަށްބުނާ ގަބުރުތަކެއް ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދާއި ދިމާލުން އެސަރަޙާއްދުގެ އުތުރު ފަރާތު ގޮނޑުދޮށް ގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެއެވެ. މިހާރު މިތަނަކީ ތިނަދޫ އާއި މާފުއްޓާއި ދޭތެރެ ހިއްކުމުގައި މުޅިން ހިކިފައިވާ ތަނެކެވެ. މިތާނގައި ވަޅުލެވިފައިވާ ހުންނަ ގަބުރުތައް ހުންނަނީ އެގޮތް މިގޮތަށެވެ. ވަރަށް ބޮޑު ބިޔަމީހުންގެ ހަށިގަނޑުގެ ކަށިވެސް ހުރެއެވެ. އޭރު ތިނަދޫގައި ތިބޭ މުސްކުޅިންވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ގަބުރުކަމަށެވެ.


ތިނަދޫގެ މިކަންކަމަށް ފަހު އެރަށުގެ ދަނޑުކޮޅާއި މެދުރުއްގަނޑާއި ބަރާސީލާއި ތިނަދޫ މާފުއްޓާއި ކޫއްޑޫ އާއި ކާޑެއްދޫއަކީ ވެސް މާލޭގެ ހަވަރަށް އޮންނަ ތަންތަންކަން ހަމަޖެހި ހަވަރުގެ ފަރާތުން މިތަންތަން ތިނަދޫގެ ރައްޔިތުންނަށް ވަރުވާއަށް ދޫކުރިއެވެ. މި ވަރުވާ ނަގައި މާލެ ފޮނުއްވުމަށް ތިނަދޫގައި ހަވަރުގެ ފަރާތުން ބޮޑު ބޭކަލަކު ބެހެއްޓިއެވެ. މީނާ އަކީ ތިނަދޫގެ ކަންކަމުގައި ވާރުވެރިއަކަށް އަންގަވާ ކޮންމެ މުޙިއްމު ކަމެއްގެ ކޮޕީވެސް މިބޭކަލަކަށް ފޮނުއްވާނެއެވެ. މި ބޭކަލަކު މަޝްހޫރުވެފައިވަނީ ތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. މީނާގެ މުސާރައެއްގެ ގޮތުގައި ރަތަފަންދޫ ކަންނިގިލި ކޮޅާއި ބައެއް އެހެނިހެން އިނާޔަތްތައް ސަރުކާރުން ދެއްވާފައިވެއެވެ. މިދުވަސްވަރު ތިނަދޫގެ ވެރިންނަށް ފަތްކޮޅު ދެއްވަނީވެސް ހަވަރުގެ ފަރާތުންނެވެ. މިފަތްކޮޅަކީ "އަލިފު ފޮތްކޮޅު" ކިޔާ ފަތްކޮޅެކެވެ.


ތިނަދޫގެ ރައްޔިތުންގެ އަތުން އަހަރަކު އެއްފަހަރު މާލޭގެ ހަވަރަށް ދައްކަންޖެހޭ ތަކެތީގެ ތެރޭގައި 300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި) 1200 ކުދެވަޓި (ވެށުން) 1200 ކާޑެއްދޫ ކުނަލާއި ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި 16 ބުރި ވަކަލަކާއި 01 ގޮއި އޮޑީ ބޮއްލުރައަކާއި ރަށުގެ ކޮންމެ މީހެއްގެ އަތުން 02 ސަމްސާ ކާށިތެޔޮ (25 އަޑުބާ) އަދި ކޮންމެ މީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެއެވެ.


ތިނަދޫއަކީ ހަވަރުގެ ރަށަކަށްވުމުން ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ޚާއްސަ ކަންތައްތަކެއް އެރަށަށް ހަމަޖެހުނެވެ. އޭގެ ތެރޭގައި އައްޑޫ މުލަކު އޮޑި ފަހަރު މާލެ އާއި ކޮޅުބަށް ދިއުމަށް މިއަތޮޅުގެ އެތެރެވަރިއަށް ވަދެގެން ކުރާ ދަތުރުތަކުގައި ކާނޑެއްދޫ ކަނޑުން ވަނުމާއެކު އޮޑިގެ މައިރިޔާ ނޫން ހުރިހާ ރިޔާ ތިރިކުރުމާއި ތިނަދޫ މީހުން ނޫން މީހުން ތިނަދޫ ތިނަދޫގައި ހުދުލިބާސް ލައިގެން އުޅުމާއި އަދި މަކަނަށް ފޮށާލައިގެން އުޅުމީ މަނާ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މީހުންނަށްޖެހޭ ބަންޑާރަ މަސައްކަތް ތިނަދޫ މީހުންނަށް ނުޖެހުމާއި ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށް ގޮވައިފިނަމަ އޭނާގެ އަތުން ދުރޯ ނެގުމުގެ އިތުރަށް ހަވަރަށްވެސް ދުރޯއެއް ނަގާނެއެވެ. ދުރޯއަކީ 25 ލާރިއެވެ.އެ ޒަމާނުގައި މިއީ ވަރަށްވެސް ބޮޑު އެއްޗެކެވެ.


މިހިގައި ދިޔަ ކަންތައްތަކަށް ބަލާލާއިރު އުފެދިދާނެ ސުވާލުތަކެއްވެސް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެ އިސްލާމްވީތާ އެތަކެއް އަހަރު ވީއިރުވެސް ތިނަދޫ އޮތީ ޣައިރު ދީނުގައި ބާވައެވެ. ނުވަތަ އިސްލާމްދީނުގައި އޮއްވާ ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމާއި ގުޅިގެން އަނެއްކާވެސް ޣައިރު ދީނަށް އެބުރުނީ ބާވައެވެ. ޕޯޗުގީޒުންގެ އަނދިރި އަނދިރި އާއި ވިޔަޒޯރުފަދަ ވެރިޔަކު ނުވަތަ ބަޔަކު ދެކުނުގެ މިހިސާބުގައިވެސް އުޅުނީބާވައެވެ. އަދި ފުރެތިކާލުންގެ ބަޔަކު ތިނަދޫގައި ތިބެގެން މިހަނގުރާމައެއް މިކުރެވުނީ އެމީހުންނާއި ނުން ބާވައެވެ. މިކަހަލަ އެތައް ސުވާލުތަކެކެވެ. ބުނެވޭ ގޮތުގައި މާލެ ނުވަތަ ރާއްޖެ އިސްލާމްވީތާ އަހަރުތަކެއް ވީއިރުވެސް އެކަން ނުފޯރާ ބައެއް އަތޮޅު ރާއްޖޭގައި ހުރިކަމަށް ވެއެވެ.އެއީ އެޒަމާނުގައި މުވާސަލާތާއި ދަތުރުފަތުރުގެ ދަތިކަމާއި އަދިވެސް ބައެއް އެހެން ސަބަބުތަކެވެ.

މާލެއިން ހަވަރުފަދަ ލަޝްކަރީން ތިނަދޫއަށް ގޮސް މިހަނގުރާމަ ކުރިއިރު ތިނަދޫގައި ތިބި ކިތައް މީހުންތޯ ވިސްނައިލުން ހުއްޓެވެ. މީލާދީން 1853 ގައި ތިނަދޫގައި ލާޓް ދަގަނޑު ޖެހިއިރު ތިނަދޫގައި ތިބީ 500 ވަރަކަށް މީހުންނެވެ. މިމީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން މުސްކުޅިންނާއި ބަލިމީހުންވެސް ހިމެނެއެވެ. ވީމާ އޭގެ 260 ވަރަކަށް އަހަރު ކުރިން އުތީމު ރަދުންގެ ރަސްކަމުގައި ތިނަދޫގައި ތިބޭނީ ކިތައް މީހުން ބާވައެވެ. މިހެން ކަމާއެކު މިކުރެވުން ހަނގުރާމަ އާއި މެދު ބައެއް ފަރާތްތަކުން ދެކެނީ އުތީމުރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްއިރު ޕޯޗުގިޒުންގެ ބަޔަކު ނުވަތަ ޣައިރު ދީން ފެތުރުމަށް އެބައިމީހުންގެ ފަރާތުގެ ބަޔަކު ރާއްޖޭގެ އެތަންމިތާނގައި އެމަސައްކަތް ކުރަމުން ގެންދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ. އުތީމު ރަދުން ތިނަދޫއަށް ވަޑައިގަތްއިރު މިފަދަ ބަޔަކު އެރަށުގައި ނެތްކަމާއި އެބަޔަކު ތިނަދުއަށް އައީ އެރަދުން ފުރާވަޑައިގަތީމާ ކަމަށެވެ. މިހެންކަމުން މިހަނގުރާމައެއް މިކުރެވުނީ އެބައިމީހުންނާއި ކަމުގައެވެ. އަދި ރަހަދޫގައިއިން އަންހެނަކު ބުނާ ޔޯލަ ބަހަކަށް މިމަތިވެރި އިސްލާމްދީން ދޫކޮށްލާ ވަރަށްވުރެ އޭރު ތިބި މީހުންގެ އަޤީދާވެސް ވަރުގަދަވާނޭ ކަމަށެވެ. އުތީމު ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރު ކުރިން ރާއްޖެއައި ބޭރުގެ ވިޔަފާރިއެއްގެ ލިޔުމުގައިވެސް ރާއްޖޭގެ މީހުންނަކީ ޞިއްޙަތު ރަގަޅު އަދަބުވެރި އަދި އަރަބީންގެ ދީނުގައި ތިބި ބައެއް ކަމަށް ލިޔެފައި ވެއެވެ. މީނާ 6 މަސް ދުވަހު ރާއްޖޭގައި ހުއްޓެވެ. މީނާގެ ނަމަކީ ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯއެވެ. މިވާހަކަ ކުރީގެ "ހުވަދޫ އަތޮޅު" މިފޮތުގައި ވެއެވެ.


27 ޖޫން 1979 ގައި އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި މުޙާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ތިނަދޫގެ ނަމުން ހަވަރު ރަސްމީގޮތުން ވަކިކުރައްވާފައިވެއެވެ.
 

ޗޮކޯގެ ޚަބަރު

ކުޅިވަރު

ސިޔާސީ

މުޖުތަމައު

HavaruOnline Copyright © 2009 CHOCO | Designed by Hassan Abdulla