Thursday, October 29, 2009

ކޮލަމާފުށީ ސްކައި ޖަމިއްޔާގެ ތަޢާރަފެއް


21 ޖޫން 1992 ގައި ގއ ކޮލަމާފުށީގައި "ސޮސައިޓީ ފޯ ކޮލަމާފުށީ ޔޫތު (ސްކައި) ޖަމިއްޔާ އުފެދުނު ފަހުން އެޖަމިއްޔާއިން މައިގަނޑުގޮތެއްގައި ބަލަމުން އައީ ރަށު އޮފީހާއި އަތޮޅުއޮފީހާއި، ކުރީގެ އެޓޯލްސް މިނިސްޓްރީއާއި، ކޮމިޔުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމެންޓް ކައުންސިލާއި، އަދި ޔޫތު މިނިސްޓްރީއާއި ކަމާއި ބެހޭ އެކިއެކި ވުޒާރާތަކުން ރަށުގައި ހިންގާ ޕޮރޮޖެކްޓް ތަކުގައި އެފަރާތުން އެދޭ ކަންތައްތަށް ކޮށްދިމުމަށެވެ. "ބާރަކީ ގުޅުމެވެ." މޮޓޯގެ ދަށުން ޙަރަކާތްތެރިވަމުން އަންނަ ސްކައި ޖަމިއްޔާއަކީ މަތި ދެކުނު ޕްރޮވިންސްގައި ފާހަގަ ކޮށްލެވޭ ފެންވަރުގެ ޖަމިއްޔާއެކެވެ.

މިގޮތުން ސްކައިގެ ފަރާތުން ތަފާރު ދާއިރާތުކުން ފަނަނީ މީހުން ބިނާކުރުމާއި، ރަށުގެ އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީއަށް އެކި މަސައްކަތްކުރުމުގެ އިތުރުން ރަށުފެންވަރުގައިއާއި އަތޮޅު ފެންވަރުގައި ތަފާތު ކުޅިވަރުމުބާރާތްތައް ބާއްވާފައިވެއެވެ. މީގެ އިތުރުން ޤުރުޢާން ކިޔެވުމުގެ މުބާރާތާއި އެހެނިހެން ސަޤާފީ އަދި އަދަބީ ޙަރަކާތްތަކެއްވެސް ހިންގާފައިވެއެވެ.

މިކަންތައްތަކުގެ ތެރެއިއިން އެންމެ ފާހަގަކޮށްލެވެނީ ކޮންމެ އަހަރެއްގެ ތިމާވެށިދުވަސް ފާހަނގަ ކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ރަށުފެންވަރުގައި ހިންގާފައިވާކަމެވެ. މިގޮތުން ގަސްއިންދުމާއި، ރަށުގެ ހޭޅިފަށް ސާފުކުރުމާއި، ރަށުތެރެ ސާފުކުރުން ފަދަ ކަންތައްތައް ކުރެއެވެ. އަދި ސިފައިންނާއި މިޖަމިއްޔާއާއި ގުޅިގެން ރަށުގެ ފަޅުގެ ފުންކޮށްފައިވާ ސަރަޙައްދާއި ފަޅުމަތިސާފު ކުރެއެވެ.


ޖަމިއްޔާގެ އަމިއްލަ އިޖްތިމާޢީ މަރުކަޒުން ޒުވާނުންނަށް ޙާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ސްކައި ޖަމިއްޔާއަކީ މުޅި މަތިދެކުނު ޕްރޮވިންސުންވެސް ފާހަގަކޮށްލެވޭ ޙަރަކާތްތެރި ޖަމިއްޔާއެކެވެ. މިޖަމިއްޔާއިން މިހާރުވެސް ގއ ކޮލަމާފުށީގައި އެޖަމިއްޔާއިން ހަދާފައިވާ ކުޑަކުދިންގެ ޕާކް "ކުޑަކުދިންގެ ހިޔާ"ގެ އަޕްގްރޭޑް މަސައްކަތާއި، ޖަމިއްޔާގެ އިޖްތިމާޢީ މަރުކަޒާއި އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތުގެ އިތުރުން އެރަށު ބޯޅަ ދަޑުގައި ލައިޓް ހަރުކޮށް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެއް ކުރިއަށް އެބަގެންދެއެވެ.

ކޮންމެއަކަސް މިފަދަ ޙަރަކާތްތެރި ޖަމިއްޔާތައް ޕްރޮވިންސްގައި ގިނަވުމަކީ ޕްރޮވިންސްގެ ތަރައްޤީއަށް ލިބިގެންދާނެ އިތުރު ހަލުވިކަމެކެވެ. އަދި ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ ރޯލު މިއައްވުރެން ބޮޑުކުރުމަކީ މުހިންމުކަމެކެވެ. އަދި މިފަދަ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަކީ ދެންތިބޭ އެހެންފަރާތްތަކަށްވެސް އެކަމުގެ ފައިދާ ލިބޭނެކަމެއްކަންކަށަވަރެވެ.

Sunday, October 25, 2009

ހުވަދުއަތޮޅުގައި 350 ކެމްޕޭނު

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ބައިނަލްއަޤުވާމީ ދުވަހާއި ގުޅުވައިގެން ގދ ހޯޑެއްދޫ ހެޑް ޖަމިއްޔާއިން އިސްނަގައިގެން މަތިދެކުނު ޕްރޮވިންސް އޮފީހާއި ގުޅިގެން އެ ޕްރޮވިންސުގައި ހިމެނޭ ރަށްތަކަށް ނިސްބަތްވާ ގިނަ ޖަމިއްޔާތައް ހިމެނޭގޮތަށް ވަރަށް ޙާއްސަ ޙަރަކާތްތަކެއް ގދ ހޯޑެއްދޫގައި ހިންގައިފިއެވެ.

އެރަށުގެ ފަޅުތެރެ ސާފްކުރުމުގެ އިތުރުން ތިމާވެއްޓާއި ގުޅޭ ތަފާތު މަޢުލޫމާތުދިނުމާއި ތިމާވެއްޓާއި ރައްޓެހި އެކި ކަންކަމާއިބެހޭ މަޢުލޫމާތު ދިނުންއޮތެވެ. އަދި އެންމެ ޙާއްސަކަމެއްގޮތުގައި ފާހަގަކުރެވުނީ އަންނަމަހު ކޮޕެންހޭގަންގައި އޮންނަ މޫސުމަށްއަންނަ ބަދަލުތަކާއިބެހޭގޮތުން ދުނިޔޭގެ ވެރިންނިންމާނިންމުމާއި ބެހޭ ޖަލްސާއަށް ފުނުވާ ގަރާރެއްގައި ސޮއިކުރުމެވެ. މިޙަރަކާތްއޮތީ އެރަށުގެ ފަޅުތެރޭގައި މޫދުގައެވެ. މިޙަރަކާތުގައި އެރަށްދިޔަ ޖަމިއްޔާތަކުން ވަނީ ސޮއިކުރައްވާފައެވެ. އަދި ހެޑް ޖަމިއްޔާއިން މަޢުލޫމާތުދެއްވާގޮތުގައި މިގަރާރުގައި ރާއްޖޭގެ ސަތޭކަ އަށްވުރެންގިނަ ޖަމިއްޔާއިން ސޮއިކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މިހުރިހާ ޙަރަކާތަކައްވެސް ދެއަތޮޅުގެ ޖަމިއްޔާތަކާއި މަތިދެކުނު ޕްރޮވިންސްއޮފީހުގެ އިތުރުން ހޯޑެއްދޫރައްޔިތުންގެ ވަރަށްވެސް ފުރިހަމަ އެއްބާރުލެއްވުމެއް ލިބުނުކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ގދ ތިނަދޫ ޗޮކޯޖަމިއްޔާއިންވަނީ މިޙަރަކާތްތައް ހިގާދިޔަވަގުތު ދިވެހިރާއްޖެ ދުނިޔޫގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނުމަށް ޙާއްސަ ކެމްޕޭނެއްވެސް ހޯޑެއްދޫ ހެޑް ޖަމިއްޔާއާއި ގުޅިގެން ހިންގާފައެވެ.

Wednesday, October 21, 2009

ތިނަދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުއްސަމަދު ޢަލީއަށް އޭނާ ބޭނުންވި ތަނުން ގޯއްޗެއް ދިނުމަށް ރކ ކޮމިޓީން ނިންމައިފި


(މިލިޔުމަކީ ހުވަދު ނޫހުން ނަގާފައިވާ ލިޔުމެކެވެ. އަދި މިލިޔުން ހަވަރުއޮންލައިންގައި މިބޭނުންކުރަނީ އެފަރާތުގެ ހުއްދައާއި އެކުގައެވެ.)

. ސަމަދުއަށް ގޯތިދޭން ނިންމިގޮތަށް އެހެން ފަރާތްތަކަށްވެސް ގޮތިދޫކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ކޮމިޓީން. ރަށު ކައުންސިލަރ


. ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ކަމަކަށް އަޅުގަނޑު އިންކާރެއް ނުކުރާނަން. އަތޮޅު ކައުންސިލަރ


ގދ ތިނަދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުއް ސަމަދު ޢަލީއަށް ސަރުކާރުން ދެއްވާފައިވާ 5000 އަކަފޫޓުގެ ގޯތީގެ ބަދަލުގައި އޭނާ ބޭނުން ތަނަކުން ގޯއްޗެއް ދިނުމަށް ތިނަދޫގައި އަލަށް އެކުލަވާލައިފައިވާ ރައްކުރިއަރުވާ ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފިއެވެ.





 ގދ އަތޮޅު އޮފީސް

މިދިޔަ ބުރާށްފަތި ދުވަހުގެރޭ ތިނަދޫ އޮފީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކޮމިޓީގެ ޖަލްސާގައި ޢަބްދުއްސަމަދު ޢަލީއަށް އާފަލުގޭ އިރުމަތިން ލިބިފައިވާ ގޯތި އެމް އެމް ޕްރީ ސްކޫލުގެ އިރުއުތުރު ކަންމަތިން        ( ކެމްޕަސްގެ ދަނާލު ކަންމައްޗަށްވާގޮތަށް ) ލިބިދާނެތޯ ބެލުމަށް ކޮމިޓީއަށް އެދިފައިވާ ސިޓިއަކަށް ކޮމިޓީގެ އަޣުލަބިއްޔަތު ލިބުނީ އަތޮޅު ކައުންސިލަރުގެ އިޢުތިރާޒެއް ނެތްކަމުގައިވާނަމަ އެގޯތި ދޫކޮށްލުމަށެވެ.


ތިނަދޫ ކޮމިޓީގެ މެމްބަރަކު ބުނީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ނިންމަންޖެހޭ އެތައްކަމެއް އެޖެންޑާ ކުރުމަށް ހުއްޓާ، ކުއްލި ގޮތަކަށް ޢަބްދުއްސަމަދު ޢަލީގެ ގޯތީގެ މައްސަލަ ކޮމިޓީއަށް އައުމުން ކޮމިޓީގެ ގިނަ މެމްބަރުން މާގިނަ ބަޙުޘަކަށް ނުގޮސް އެމައްސަލަ ބަލައިގަނެ ނިންމާފައިވާކަމަށެވެ. އެގޮތުން ކޮމިޓީއަށް ޙާޒިރުވި 14 މެމްބަރުންގެ ތެރެއިން 12 މެމްބަރުން ވަނީ ވޯޓުދީފައެވެ.


ތިނަދޫގެ ވަގުތީ ކައުންސިލަރ މުޙައްމަދު ޒާހިރު ބުނީ ތިނަދޫ ޢަބްދުއް ސަމަދު ޢަލީ/ ޗިލީ ހައުސް ހުށަހަޅާފައިވާ ސިޓީއާއި އެއްގޮތަށް ކޮމިޓީން ވޯޓުދީ ނިންމާފައިވަނީ އަތޮޅު ކައުންސިލަރުގެ ނިންމުމަށް އިޙްތިރާމް ކުރާ ގޮތަށެވެ.

" މިހާރު އެކަން އޮތީ ކޮމިޓީން ނިންމާފަ. އަތޮޅު ކައުންސިލަރ އެއްބަސްވާނަމަ ގޯތި ހަވާލުކުރާނެ. ކޮމިޓީގެ ނިންމުން އެއީ. އެމީހަކު ބޭނުން ތަނަކުން ގޯތި ދޫކުރާނެތޯ އަދި ނޫންތޯވެސް ނިންމާނީ ރކ ކޮމިޓީން." ޒާހިރު ބުންޏެވެ.


ގދ އަތޮޅު ކައުންސިލަރ މުޙައްމަދު ނިޔާޒު ބުނީ ޢަބްދުއްސަމަދު ޢަލީއަށް ގޯއްޗެއް ދިނުމަށް ކޮމިޓީން  ނިންމި ރަސްމީ ލިޔުން އަދި ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީގެ ނިންމުމަކަށް ދެކޮޅު ނަހަދާނެ ކަމަށް ކައުންސިލަރ ބުންޏެވެ.


ހުވަދޫ ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުއްސަމަދު ޢަލީ އޭނާގެ ގޯތީގެ ބަދަލުގައި ގޯއްޗެއް ހޯދުމަށް އެދުނީ އެގޯތީގެ ބައެއް ބޭނުންކޮށްގެން ފައިބަރު ދޯންޏެއް ( އެމް އެމް ޕްރީސްކޫލް ކުރިމަތީގައި ) ބަންނަމުން ދާތީއެވެ. އެގޮތުން ހޯދަން އެދުމުން ރކ ކޮމިޓީގެ މެމްބަރުން ވަނީ އެމް އެމް ޕްރީ ސްކޫލުގެ ހުޅަނގު ފަރާތުގައި އޮތް ހުސްބިމުން 5000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައެވެ.


" އެމް އެމް ގެ ހުޅަނގަށް އޮތް ހުސްބިން ސަމަދުއަށް ދޭން ކޮމިޓީން ނިންމި ކަމުގައިވިޔަސް ރަސްމީކޮށް އެކަން ކުރިޔަށް ގެންގޮސްފައެއްނެތް. އެހެން އޮއްވާ 13 - × ގެ  ކޮށީގެ ކަންމަތި ލިބޭތޯ ސަމަދު ދެވަނަ ފަހަރަށް އެދުނީ. މިހާރު ކޮމިޓީން އެކަން އެއޮތީ ނިންމާފައި " ރަށު ކައުންސިލަރ ބުންޏެވެ.


ތިނަދޫ ރައްކުރިއަރުވާ ކޮމިޓީއަކީ މިހާރުގެ ސަރުކާރު އެމް ޑީ ޕީގެ ތިނަދޫ ދާއިރާއަށް ނިސްބަތްވާ އެކްޓިވިސްޓުންގެ އަޣްލަބިއްޔަތު އޮންނަ ކޮމިޓީއެކެވެ. އަދި މިކޮމިޓީއަކީ ކުރިން ރައްޔިތުން އިންތިޚާބުކުރި ބައެއް މެމްބަރުން އުނިކުރުމަށްފަހު އެކުލަވާލައިފައިވާ 25 މެމްބަރުންގެ ކޮމިޓީއެކެވެ.

Tuesday, October 20, 2009

ދުނިޔޭގެ 7 އަޖައިބުގެތެރޭގައި ރާއްޖެ ހިމެނުމުގެ ކެމްޕޭން


ދުނިޔޭގެ ގުދުރަތީ 7 އަޖައިބު އަށް ވާދަކުރާ 28 ގައުމުތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާތީ ރާއްޖެއްށް ކެމްޕޭންކުރުމުގެ މަގުސަދުގައިއާއި ތިމާވެށްޓަށް އަހުލުވެރިކުރުވުމުގެ ގޮތުން ފާއިތުވި ހަފްތާބަންދުގައި ގދ ތިނަދޫގައި ޙާއްސަ ކެމްޕޭނެއް ކޮށްފިއެވެ. ޗޮކޯ ޖަމިއްޔާއިން އިސްނަގައިގެން މަތިދެކުނު ޕްރޮވިންސް އޮފީހާއި ގދ އަތޮޅު އޮފީހާއި ތިނަދޫ ޒުވާނުންގެ މަރުކަޒުގެ އިތުރުން ރަށުގެ އެހެން ޖަމިއްޔާތަކާއި އަދި ވަރަށް ގިނަ އަދަދެއްގެ ވޮލަންޓިއަރުންގެ އެހިގައި ހިންގުނު މިޙަރަކާތަށް ވަރަށްވެސް ބޮޑު ތަރުޙީބެއް ލިބިގެން ދިޔައެވެ.

ތިނަދޫގެ ކުޅިވަރު ޕާކުގައި އިންޓަނެޓް މެދުވެރިކޮށް ވޯޓްދިނުމަށް ހިންގުނު މި ކެމްޕޭން ތެރޭގައި ތިމާވެށްޓާއި ގުޅުންހުރި ޑޮކިއުމެންޓްރީތައްވެސް ދައްކާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގިނަދަތިތަކާއި ކުރިމަތިލާން ޖެހުނުކަމުގައިވިއަސް ތިނަދޫގެ "ޓޭކުނިކް" ބޭންޑްގެ މިއުޒިކްވެސް މިޙަރަކާތުގެތެރެއިން ފެނިގެން ދިޔައެވެ. މުޅި ޖުމްލަ 600 އަށްވުރެން ގިނައިން ރާއްޖެއަށް މިޙަރަކާތުން ސީދާގޮތުން ވޯޓްދެވިފައިވެއެވެ. އަދި މިއީ މަކަމުގެ ފެށުން ކަމަށާއި މި ކެމްޕޭން ކުރިއަށްއޮތްތަނުގައި އިތުރަށް ފުޅާކޮށް ހިންގޭނެ ކަމަށް ޗޮކޯއިން މަޢުލޫމާތުދެއްވިއެވެ.

މި ކެމްޕޭނުގައި މޯލްޑިވެސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އެހީތެރިކަމާއި ތިނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޞިލް މުޙައްމަދު ޤަސަމްގެ އެއްބާރުލެއްވުން އެފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރާސް މޯލްޑިވެސްގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ލިބިގެން ދިޔަކަމަށްވެސް ޗޮކޯއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިރާގާއި އަމިއްލަ އެހެންފަރާތްތަކުގެ އެއްބާރުލެއްވުންވެސް ލިބުނުކަމުގައި ޗޮކޯއިން މަޢުލޫމާތު ދެއްވިއެވެ.

Monday, October 19, 2009

ބުއްދީގެ ނިޢުމަތް ރަގަޅަށް ލިބިގެނފި މީހާ އަމިއްލަ ނަފްސު މިނިވަންކޮށްފިއެވެ

-ހަސަން-


އިންސާނުންނަކީ މާތްދުނިޔޭގައި ލެއްވެވި އެންމެ މާތް މަޙުލޫގެވެ. އަދި އިންސާނާގެ ބުއްދި ނުވަތަ ފިކުރަކީ އިންސާނާއަށް މާތްދެއްވި އެންމެ މާތް ނިޢުމަތްކަން ކަށަވަރެވެ. އަދި އެއީ ހައިރާން ކުރުވަނިވި މުޢުޖިޒާތެއް ފަދަ ކަންތައްތަކެއް އޭގައި ހިމެނޭ ނިޢުމަތެކެވެ. މިހާރު މިވަގުތުވެސް ފިކުރުގައި އެތަކެއް މިލިއަަން ކަންތައްތަކެއް އެއްފަހަރާ ހިނގަމުންދާނެއެވެ. އަދި އެކަންތައްތަކުގެ އަލީގައި ތިމާގެ އަމަލާއި ކަންތައް ހިގަމުންދާނެއެވެ. ކޮންމެއަކަސް އިންސާނާގެ ބުއްދި ބިނާވެފައި އޮންނަނީ އޭނާއަށް އާޢިލީގޮތުން ވާރުތަވާ ކަންތައްތަކާއި އޭނާ އުޅެބޮޑުވި މާހައުލުގައި ހުރި ކަންތައްތަކަކާއި އަދި އޭނާ އާއި އެކިފަހަރު ދިމާވެފައި ހުންނަ ކަންތައްތަކެއްގެ މައްޗަށެވެ.

އިންސާނުންނަށް އިންސާނުންގެ ފިކުރު ކޮންޓްރޯލް ނުކުރެވެނީ މިސަބަބުތަކަށްޓަކައެވެ. ގިނަފަހަރު އެމީހަކު ކިތަންމެ ބޭނުންވިއަސް އޭނާގެ ޙިޔާލު ނުވަތަ ފިކުރު ވަކި ދިމާލަކަށް އަނބުރާލަން އުނދަގޫވެއެވެ. އަޅުގަޑުމެންގެ ތެރޭގައި މިގޮތަށް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލިފައިތިބި އެތަކެއް ބައެއް އެބަތިއްބެވެ. އެއިީ ނަފްސުގެ ޤައިދީންނެވެ. ޝައްކެއްނެތެވެ. ތިމާގެ ނަފްސަށް ނުވަތަ ތިމާގެ އަމިއްލަ ފިކުރުގެ މައްޗައް ތިމާނޫން އެހެންމީހަކު ވެރިވެގަންފިއްޔާ އެއީ ނަފްސުގެ މިނިވަނެކޭ ނުބުނެވޭނެއެވެ. ހިތާމައަކީ އަޅުގަޑުމެންގެ ތެރޭގައި ގިނައީ ނަފްސުގެ ގައިދީންކަމެވެ.

ނަފްސުގެ ގައިދީން ގިނަފަހަރު ފާހަގަކުރެވެނީ ސިޔާސީ އަދި މާއްދިއްޔަތާއި ގުޅުންހުރި ކަންކަމުގައެވެ. ވަރަށް ގިނައިން އަޅުގަޑުމެން އަޑުއަހަމުއެވެ. ތިމާ މިވެނި މީހަކަށް ތާޢީދުކުރަނީ ނުވަތަ ތިމާ މިވެނި މީހަކު ދެކެ ރުޅި އަންނަނީ ތިމާގެ ކޮންމެވެސް ގާތް މީހަކު އެބުނާ މީހަކަށް ތާއީދުކުރާތީ ނުވަތަ ރުޅިއަންނާތީއެވެ. މިއީ އެހެން މީހަކަށް ފިކުރު ވިއްކާލުންފަދަ ކަމެކެވެެ. މާތްދެއްވި ނިޢުމަތެއް ވިއްކާލުންފަދަކަމެކެވެ. ފަހަރެއްގައި ތިމާގެ ގާތް މީހާ އެނިންމި ނިންމުމަކީ އެންމެ ރަގަޅު ނިންމުމަކަށް ނުވުން އެކަށިގެންވެއެވެ. އޭގެ ރަނގަޅު ގޮތަކީ ތިމާގެ އަމިއްލަ ޙިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް މީހަކަށް ތާޢީދު ކުރުން ނުވަތަ ހިތްހަމަނުޖެހުމެވެ.
އަދި ބައެއްފަހަރު ތިމާ ކުރަންނުވާކަހަލަ ކަންތައްތަކަށް ތިމާއަށް އަރައިގަނެވެނީވެސް އަމިއްލަނަފްސުގެ މައްޗަށް އެހެން ދުނިޔެވީ ނުވަތަ މާއްދީ އެދުންތަކެއް ވެރިވީމައެވެ. މިގޮތުން އެކިޒާތުގެ ކުށްތަކާއި ކުރަންނުވަކަހަލަ ކަންތައްތައް ކުރެވޭތަން އާދެއެވެ. މީވެސް ނަފްސުގެ މިނިވަންކަން ގެއްލި އަމިއްލަ ނަފްސުގެ ގައިދީއަކަށް ވެވޭކަމެކެވެ.

ތިމާގެ އަމިއްލަ ބާރު ތިމާގެ ނަފްސުގެ މައްޗަށް ނުފޯރަނީ އެހެން ބާރެއް ނުވަތަ އެހެން ނުފޫޒެއް ތިމާގެ ނަފްސުގެ މައްޗަށް އޮވެގެންކަން ކަށަވަރެވެ. ގިނަ ފަހަރަށް އެއީ ކޮންމެވެސް ޖެހިލުންވުމެއް ނުވަތަ އެހެން މީހެއްގެ ސީދާ ނުވަތަ ނުސީދާ ނުފޫޒެކެވެ. ގިނަ ފަހަރަށް އަޅުގަޑުމެންނަށް ނޭނގި އަޅުގނަޑުމެންގެ ނަފްސު ވިއްކާލެވޭތަން އާދެއެވެ. އެކަމަކު އަމިއްލަ ފިކުރުގައި ވިސްނާލުމުން މިކަން ފާހަގަވެސް ކުރެވޭނެއެވެ. ބައެއްފަހަރު އިންސާނުންގެ ނަފްސުގެ ސާހިބާއަކީ ހުދު އެމީހެއްނޫނެވެ.

މިގޮތަށް އެހެން ނަފްސުތަކުގެ ސާހިބުންނަށް ދުނިޔޭގެ އަންޑަރ ގްރައުންޑް ނަމުން ކިޔަނީ "ގޯޑް ފާދަރސް" އެވެ. އެމީހުންނަކީ އެހެން މީހުން ރުއްސުވައި އެހެން މީހުންގެ ކަންތައްތައް ކޮށްދީ އެމީސްތަކުންގެ ނަފްސު ގަނެގެން އެބައިމީހުންގެ އަމިއްލަ އެދުންތަކެއްފުއްދާ ބަޔެކެވެ. މިހެން ދެންނެވިއަސް މިއީ ވަރަށްވެސް ގަބޫލުކުރަން ދަތި ސިއްރު ޖަރީމާތަކާއި މުޅި މަސްރަހުގެ ހަވާސާތައް ބަދަލުކޮށްލާވަރުގެ އެތެރެއާއި ބޭރުގެ އާރާއި ބާރުތަށް ލިބިފައިވާ ބަޔެކެވެ. އެއީ އެމީހުންނަކީ ގިނަފަހަރަށް ބޮޑެތި ގޭންގްތަކާއި، ވިޔަފާރި އާއި ސިޔާސީ ވެރިންނާއި އަދި ބޮޑެތި އިސްފަރާތްތަކުގެވެސް ނަފްސުގެ ސާހިބުންކަމަށްވާތީއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިފަދަ ފިކުރީ ހަނގުރާމަކުރާ މީހުން މަދެއްނޫނެވެ.

ނިކަން ވިސްނާލަމާތޯ ކުރުގޮތަކަށް ބޭސްފަރުވާއަށް ސަލާންޖެހުމާއިމެދު، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް މިފުރުސަތު އަޅުގަޑުމެންގެ ތެރެއިން ލިބެނީ މަދުބަޔަކަށެވެ. އެހެންމީހުން މިކަމަށް ސަލާންޖަހަންޖެހެއެވެ. ސަބަބަކީ ދަޢުލަތުގެ މާލިއްޔާތުގައި ފައިސާނެތުމެއްވެސްނޫނެވެ. އަދި ސިއްޙީ ނިޒާމުގެ ބަލިކަށި ކަމެއްވެސްނޫނެވެ. ސަބަބަކީ ބަޔަކު މީހުން މިކަމުން ނަފްސުތަކެއް ގަންނަން ބޭނުންވުމެވެ. އާދެ! އެމީހުންގެ ބޭނުމަކީީ ގިނަބަޔަކު އެމީހުންކައިރިއަށް އެކިގޮތްގޮތަށް ސަލާންޖަހަން އައުމެވެ. މިގޮތަށް ސަލާންޖަހަން އަންނަ ކޮންމެފަހަރަކު އެ ސަލާންޖަހާ މީހާގެ ނަފްސު އެމީހުންނަށް މިލްކުވެއެވެ. އަދި އެމީހުން ބުނިގޮތަކަށް ސަލާންޖަހަންދިޔަމީހާ އެބުރެއެވެ. ސަލާންޖަހަންދިޔަ މީހާއަށް ހީވާނީ އަދި ހީވާނީވެސް އެމީހުން އެކޮށްދިނީ ވަރަށްވެސް ބޮޑު ކަމެއްކަމުގައެވެ. އެހެންކަމުން އެކަމުގެ ބަދަލުގެގޮތުގައި އެމީހުން ބުނާ ކޮންމެ ކަމެއްކުރަން މަޖުބޫރުވެއެވެ. މިހެން ދެންނެވިއަސް ކޮންމެ މީހަކީ މިފަދަ ނާޖާއިޒު ފާއިދާތަކެއް ނަގާ މީހެއްނުނެވެ. އަޅުގަޑުމެންގެ ތެރޭގައި ވަރަށް ދީލަތި އިޙްސާންތެރިންވެސް އުޅެއެވެ. އަޅުގަޑު މިދެންނެވީ ވަރަށްވެސް ކުޑަ ނަމަވެސް ނަފްސުތައް ގަތުމުގެ ވަރަށް ޢާންމު މިސާލެކެވެ.

"ގޯޑްފާދާސް" ގެ ވާހަކައަކީ ވަރަށްވެސް ދިގުކޮށް ދެއްކިދާނެ ވާހަކައެކެވެ. ނަމަވެސް އަޅުގަޑު މި ލިޔުމުން ބުނެލަން ބޭނުންވާ ވާހަކައަކީ ކޮންމެ މީހަކީވެސް އަމިއްލަ ނަފްސުގެ މިނިވަނަކަށް ވާންޖެހޭ ވާހަކައެވެ. އަމިއްލަ ބުއްދި އާއި ފިކުރު ތިމާގެ މައްޗަ ވެރިވިޔަދީގެން ނުވާނެއެވެ. ތިމާއަށް ހެޔޮކަމެއް ކޮށްދޭ މީހާވެސް ބަދަލުގައި ނުބައިކަމެއް ކުރަން އެދިއްޖެނަމަަ އެކަމަކަށް އިންކާރު ކުރަންވާނެއެވެ. އަދި ހަމަ އެހެންމެ އެހެން އެއްވެސް ނަފްސަކަށް ތިމާގެ ނަފްސު ވިއްކާލައިގެން ނުވާނެއެވެ.

ސިޔާސީ ޚަބަރު

އިތުރު ލިޔުންތައް

މުޖުތަމަޢު

އިތުރު ލިޔުންތައް

ކުޅިވަރު

އިތުރު ލިޔުންތައް

ތާރީޙުގެތެރެއިން

އިތުރު ލިޔުންތައް
 
HavaruOnline Copyright © 2009 CHOCO | Editor: Hassan Abdulla