ދެންނެވުމާއި ވިދާޅުވުމާއި މިއީ ދިވެހިބަހުގެ ދެ ލަފްޒެއް ނުވަތަ ދެބަހެއްގެ ދަރަޖަ ބަސްމޮށުމުގައި ތަފާތުކުރަންޖެހޭ ޙާލަތްތަކުގައި ލަފްޒަށް ގެނެވޭ ބަދަލާއި ގުޅިގެން އެ ދެބަސް ބޭނުންކުރާ ގޮތެވެ. ދިވެހި ބަހުން ވާހަކަ ދެއްކުމުގައި އެވާހަކަ ދެކެވޭ މާޙައުލުގެ ގޮތުން، ޙައިޘިއްޔަތުގެ ގޮތުން ބަހުގެ ދަރަޖަ ތަފާތުވެއެވެ. އެހެންކަމުން އެފަދަ ޙާލަތުތަކުގައި ޙާލަތާ ގުޅޭ ގޮތުން އާދައިގެ، މާތް، އަދި އެންމެ މާތް މި ދަރަޖަތަކަށް ބަސްފުރޮޅިދެއެވެ. އެއްމިސާލަކީ ބުނި ނުވަތަ ބުނީ "ބުނުއްވީ އަށް ނުވަތަ ވިދާޅުވި އަށް ބަދަލުވުމެވެ. ދިވެހިބަހުގެ ދަރަޖަތަކެއް ހުރެމެ، އެދަރަޖަތަކަށް ޙާލަތާއި ވާހަކަދެކެވޭ ތަނާއި މުޚާތަބްކުރެވޭ މީހުންގެ ބާވަތުން ބަސް ފުރޮޅައިގެން ވާހަކަދައްކަން ނޭނގުމަކީ ދިވެހިބަހަށް ނުފަރިތަވުމެވެ. އެއީ އާދައިގެ ކަމެއްކަމެއް ނޫނެވެ. ތިމާގެ މާދަރީ ބަހުން މޮށެހަދަން ނޭނގުމަށްވުރެ ވަކި ލަދުހުތުރު ކަމެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ކަންމިހެން އޮތް ނަމަވެސް ދިވެހިން ދިވެހިބަހަށް ބީރައްޓެހިވާން ފަށައިފިއެވެ. ރަސްމީ ފަރާތްތަކާއި ފަރުދުންގެ މެދުގައި ދިވެހިބަހުންކުރެވޭ މުޢާމަލާތުތަކުގައި ކުރަކި އުނދަގޫ ގޮތްތަކެއް ޢާއްމުވަމުން އެބަދެއެވެ. މިސާލެއްގެ ގޮތުން "ތިދެންނެވީ" މިލަފްޒު ގިނަގިނައިން ބޭނުންކުރެވޭ ހިނދު ވާހަކަ ދައްކާ މީހާ އޭނާގެ ދަރަޖަ ބަދަލުކޮށްލަމުން " އަޅުގަނޑު ވިދާޅުވީ" ބޭނުންކުރެވެނީ އޮޅުމަކުންނޭ ބުނެވޭ ވަރަށްވުރެ ގިނައިންނެވެ.
އަޅުގަނޑަކީ ދިވެހިބަހުގެ އަދީބަކަށް، އެދުރަކަށް، ޅެންވެރިއަކަށް ނުވިއަސް އާދައިގެ ދިވެއްސެއްގެ ޙައިޘިއްޔަތުން ދިވެހިބަހަށް ލޯބިކުރާ މީހަކަށްވުމާއެކު، މިފަދަ ކުރަކި ގޮތްތަކެއް ދިވެހިންގެ ބަސްމޮށުންތެރިކަމުގެ ތެރެއިން ފާޅުވާލެއް ގިނަކަމުން، އެއާމެދު ފިކުރުކުރެވޭލެއް ބޮޑުކަމުން، މި ސޮފްޙާ ލިޔާ ހިތްވީއެވެ. މިހިސާބުން އަޅުގަނޑުގެ ޚިޔާލު ގޮސް ހުއްޓެނީ "ދިވެހިރާއްޖެ ނެތިދަނީ" މިމައިގަނޑު ނަމުގެ މައްޗަށް އަޅުގަނޑުގެ އުސްތާޛް، ޑރ. ޙަސަން ޙަމީދު ލިޔުއްވާފއިވާ މޮޅު މަޒުމޫނުގެ ފޮޅުވަތްތަކަށެވެ. އުސްތާޛް ލިޔުއްވާފައިވާ ގޮތުން ދިވެހިރާއްޖެ ނެތިދަނީއޭ ވިދާޅުވެ އިޝާރާތްކުރައްވަނީ ދިވެހިރާއްޖޭގެ ފަސްގަނޑު ނެތިދާ ވާހަކައެއް ނޫނެވެ. އަދިކިއެއްތަ އެއީ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަޔަކު ދިވެހިފަސްގަނޑުގައި ނެތިދާ ދިއުމުގެ ވާހަކައެވެ.
އާދޭހެވެ. ދިވެހިބަހުގެ އަދަބިއްޔާތުގައިވާ ގޮތުން ދިވެހިބަހުގެ ޢާއްމު ތިން ދަރަޖައެއް އޮވެއެވެ. އެއީ އާދައިގެ ގޮތް، މާތް ގޮތް އަދި އެންމެ މާތް ގޮތެވެ. އާދައިގެ ބަހުރުވައިން ބަސްބޭނުންކުރަނީ ތިމާގެ ނަފްސަށް ނުވަތަ ތިމާއާއި އެއް ފަންތިއެއްގައި ތިބި ބަޔަކަށް ޢިޝާރާތްވާގޮތަށެވެ. މާތްގޮތް ބޭނުންކުރެވޭނީ ތިމާއަށްވުރެ ދަރަޖައިގެ ގޮތުން މަތީ މީސްމީހުންނަށް ޢިޝާރަތްކޮށެވެ. އަދި އެންމެ މާތްގޮތް ނުވަތަ އެންމެ މާތްދަރަޖަ ބޭނުންކުރެވޭނީ އެންމެ މަތީ ގިންތީގެ ބޭފުޅުންނަށް ނުވަތަ ރަސްކަލުންނަށް ނުވަތަ އެ މުޚާތަބްކުރެވޭ މީހުންގެ ތެރެއިން ދަރަޖައިގެ ގޮތުން އެންމެ މަތީ ފަރާތަކަށެވެ. ދިވެހިބަހުގައި މީހުންނާއި މުޚާތަބްކުރެވޭ ގޮތްތައް ދިވެހި ބަހާއިބެހޭ ފޮތްތަކުގައި ނުހަނުރީތިކޮށް ބަޔާންކޮށް އޮޅުން ފިލުވައިދީފައި އެހުރީއެވެ. އަދި ދިވެހިބަސް ކިޔަވައިދިނުމަށް ހެދިފައިހުރި މުޤައްރަރުގައި ހިމނައިގެން، އެބައިތައް އެކި ކިލާސްތަކުގައި ކިޔަވައިދެވޭ ގޮތަށް އޮވެ، އެގޮތަށް ކިޔަވައިދީ، އޮޅުން ފިލުވައިދޭ މަދަރުސާތައްވެސް މުޅި ދިވެހި ފަސްގަނޑުގައި އެބަހުއްޓެވެ. ފަށާތަޢްލީމުން މެދުމަދުރަސީ ކިލާސްތަކާއިހަމައަށް ބަހުގެ އަސާސީ ބައިތައް އުނގަންނައިދީ، މެދުމަދުރަސީ، ޘާނަވީ އަދި މަތީ ޘާނަވީގައި ދިވެހި އަދަބިއްޔާތުދަރިވަރުންނަށް ފުޅާދާއިރާއެއްގައި ކިޔަވައިދެވެއެވެ. މަޒްމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ބަހުޘް ކުރުމާއި ކުއްލި މައުޟޫޢަށް ވާހަކަ ދެއްކުމުގެ ތެރެއިންނެވެ.
ހިތާމަހުއްޓެވެ. ދިވެހިބަސް އުނގަންނައިދޭ މަރުކަޒުތަކާއި އެތަންތަނުގެ އެދުރުން ކުރެއްވި މިންނެތް މަސައްކަތް ވަނީ ފޫނެތް ފާޔަކަށް ފެންފުރުމަށެވެ. އިސްކޫލުން ނިމޭ ދަރިވަރު ގެއަށްގޮސް ޔުނީފޯމް ނުބާލަނީސް އޭނާގެ ސިކުނޑިން ދިވެހިބަހުގެ ދަރުސްތައް ފިލާދެއެވެ. ދިވެހިބަހަކީ ހަމައެކަނި އިމްތިޙާނުގައި އިށީނުމަށް ކިޔެވި ވަޅޯ މާއްދާއަކަށް ވެދެއެވެ. ޙަޤީޤަތުގައި މިމައްސަލާގައި ކުށްވެރިވަނީ ދަރިވަރު އެކަންޏެއް ނޫނެވެ. ހުރިހާ އެންމެންނެވެ. އެހެނީ މިއަދު މުޅި މުޖުތަމަޢްގައި ދިވެހިބަހަށް މީހުން ކުރާ ޤަދަރު ކުޑަވެގެން ދިއުމެވެ. ދިވެހިބަހަށްވުރެ ގިނައިން އިވުމާއި، ފެނުމުގައި އެހެނިހެން ބަސްބަސް ބޭނުންކުރެވެމުންދިއުމެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިބަހަށް ނޭނގި "ފޫހި" ވެދެއެވެ. އެހެންކަމުން މިހާރަކަށްއައިސް ސަރުކާރުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ޒުވާން މުވައްޒަފުންނަށް ދިވެހިބަހުން ރަނަގަޅަށް ލިޔެކިޔާކަށް ނޭނގެއެވެ. އެކަށީގެންވާ ފެންވަރެއްގައި ސިޓީ އެއް ރިޕޯޓެއް ޢިބާރާތްކުރަން ނޭނގެއެވެ. އަދި ދިވެހިބަހުން ރައްޔިތުންނާއި މުޢާމަލާތްކުރަން ނޭނގެއެވެ. އަޅުގަނޑު މިލިޔުނު ޖުމްލައިގެ ޙަޤީޤަތް ބެއްލެވުމަށްޓަކައި، ތިޔަ ބޭފުޅުން މާލޭގައި ހުރި ދެތިން އޮފީހަކަށް ތެލެފޯނުން ގުޅުއްވާ ވާހަކަދައްކާ ބައްލަވާށެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި ތިޔަ ވިދާޅުވީއޭ ކިޔަގެން މުޚާތަބް ކުރައްވާއިރަށް އެކޮޅުން ޖަވާބުގައި "މިވިދާޅުވީ...." މިފަދަ ޢިބާރާތްތައް އަޑު އިވޭނެއެވެ. ދެންނިކަން ދިވެހި ޓެލެވިޜަން ޗެނަލްތަކުން ދުރަށް ފޮނުއްވާ ބަސްދީ ގަތުން ބައްލަވާށެވެ. ވާހަކަދައްކަވާ އެއްބޭފުޅަކު، އެއްޗެކޭ ވިދާޅުވެ ނިމޭއިރަށް އަނެއް ބޭފުޅަކު "ތިދެންނެވީ..." މި ޢިބާރާތް ވަރަށް ގިނައިން ބޭނުންކުރާތަން އެބަފެނެއެވެ. "ތިދެންނެވީ" އެއީ ދިވެހިބަހުގައި ބޭނުންކުރާ ގޮތެއް ނޫނެވެ. ދިވެހިބަހުގައި މީހަކު އެއްޗެއް ބުނެ ނިމުމުން އެމީހާ ބުނި އެއްޗަކަށް އިޝާރާތްކުރާނަމަ، ބުނާނީ ތިޔަ ބުނީ.... މިހެންނެވެ. ނުވަތަ ތިޔަ ވިދާޅުވީ .... މިހެންނެވެ. މިފަދަ ކުށް ޖުމްލަތަކާއި ބަސްތައް ބޭނުންކުރަނީ ހަމައެކަނި އާދައިގެ މީހުންނެއްވެސް ނޫނެވެ. ލަދުގަންނަންޖެހޭ ކަމަކީ "ބޮޑެތި" މީހުންނާއި ދައުލަތާއި އެކިއެކި މުއައްސަސާތަކާއި މަޖިލިސްތަކުގެ މެމްބަރުންވެސް މިފަދަ ދިވެހިބަހާއި ދިމާ އިދިކީލި ޖުމްލަތައް ބޭނުންކުރައްވަމުން ގެންދަވާ ގެންދިއުމެވެ. ލައްބަ ދުރުވެ އާދެ ވަޑައިގެން ބޭނުންކުރުމަކީ ކަޓް ގޮތެއްކަމަށް ބައެއް ޒުވާނުން ދެކޭމެއެވެ ނަމަވެސް އެއީ ކަޓުވެގެން ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. އެއީ ދިވެހި ބަހުގެ މުއްސަނދިކަމުގެ ލާމަސީލު މިސާލުތަކެކެވެ. ހަމައެއާއެކު، ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް އެބުރުވައިގެ ތެރެއިން، ތަފާތު ދަރަޖަތަކުގެ މީހުންނާއި މުޚާތަބްކުރެވޭ ޚާއްސަ ގޮތްތަކެއް ބޭނުންކުރެވެއެވެ. މިސާލަކަށް އެންމެން ދަންނަ އިނގިރޭސި ބަހަށް ބަލަމާ ހިނގާށެވެ. އެކިއެކި ދަރަޖަތަކުގައި ބަސްބޭނުންކުރާ ގޮތް ތަފާތުވާނެއެވެ. މިސާލަކަށް ރާނީއާއި މުޚާތަބްކޮށް ވާހަކަ ދައްކާ ޢިބާރާތާއި ގަނޑުވަރުގެ ދޮރުވާނާއި މުޚާތަބްކޮށް ވާހަކަދައްކާ ގޮތް ތަފާތުވާނެއެވެ. މައްސަލައަކީ ޢާއްމުކޮށް އަޅުގަނޑުމެން އިނގިރޭސި ނުވަތަ އުރުދޫ ބަހުން ވާހަކަ ދައްކާއިރު އެފަދަފަރާތްތަކާއި މުޚާތަބްކުރަން ނުޖެހުމުން، އަޅުގަނޑުމެންނަށް އެކަން ވިސްނިފައި އޮންނަ ހަނިގޮތެވެ. އިނގިރޭސި ލިޓަރޭޗަރ ނުވަތަ އިނގިރޭސިބަހުގެ އަދަބީ ފަންނުގެ ފޮތްތައް ނިކަން ބައްލަވާށެވެ. ބަސްބޭނުންކުރުމުގައި މުޚާތަބްކުރެވޭ ފަރާތާއި، ޙާލަތަށް ބަލައި ޢިބާރާތް ބަދަލުކުރެވޭނެއެވެ. އަދި ޢަރަބި، އުރުދޫ ބަސްފޮތްތައް ނިކަން ބައްލަވާށެވެ. ޚާންދާނުގެ ބޭފުޅުންނާއި، އެއަށްވުރެ އާދައިގެ މީހުންނާއި މުޚާތަބް ކުރެވޭ ގޮތް ތަފާތުވާނެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އެކަކު އަނެކަކަށް އިޙްތިރާމްކުރުމަކީ އޮންނަންޖެހޭނެ ކަމެކެވެ. އެކަމަށްޓަކައި ކުރަންވީކީ ކުރުނީހެއްނޫނެވެ. އެއަށްވުރެ އެފަރާތަކާ މުޚާތަބްކުރެވޭ ޢިބާރާތުން އެ ޝަރަފް އެރުވޭނެއެވެ.
ދިވެހިބަހަށް ދިވެހިން ފަރިތަ ވާންޖެހިއްޖެއެވެ. ނިދިން ހޭލަންޖެހިއްޖެއެވެ. ތިމާގެ މާދަރީބަސް ރަނގަޅަށް އުނގެނެން އެބަޖެހެއެވެ. އެބަހުން ފުރަތަމަ ޑިގްރީ ޙާޞިލްކުރެވޭ ފެންވަރަކަށްނޫނެވެ. ނަމަވެސް ދިވެހިބަހުން ރީއްޗަށް މުޢާމަލާތުކުރަން އެނގޭ މިންވަރަށެވެ. ބަސްބޭނުން ކުރުމުގައި ބަސް ރައްދުވާ ފަރާތާއި، މާޙައުލާއި ޙާލަތަށް ރިޢާޔަތްކޮށް ބަހުގެ ދަރަޖަތަކަށް ސަމާލުކަން ދެވޭ ފެންވަރަށެވެ. ދިވެހި ބަސް ނޭނގުމަކީ ޙަޤީޤަތުގައިވެސް ހުތުރު ކަމެކެވެ. އެކަމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެހިދަރިއަކަށް ލާޒިމުކަމެކެވެ. އޭރުން އަޅުގަނޑު ވިދާޅެއް ނުވާނެއެވެ. އަދި "ތިދެންނެވީ" ނެތިކޮއްލައި، ތިޔަ ވިދާޅުވީ ނުވަތަ ތިޔަ ބުނުއްވީ އަލުން ޢާއްމުކުރެވިދާނެއެވެ. އިސާހިތަކު، ދިވެހި ބަހުގެ ޝަރަފާއި ކަރާމާތު ދެމެހެއްޓެނިވި ކުރި ބޯށިތަކަކަށް ވާސިލުވެ ބަނބުޅަން ފަށާނެއެވެ.






