އޭރުގެ ވަޒީރުލް އަޢުޒަމް ވެލާނާގޭ އިބްރާހިމް ނާސިރުގެ އަމުރަށް، ގދ. ތިނަދޫއިން އިހާނެތި ގޮތަކަށް މީހުން ބޭލިތާ 48 އަހަރު ފާހަގަ ކުރުމަށް ވަރަށް ޚާއްސަ ޖަލްސާއެއް، "ހަވަރު ތިނަދޫގެ އެ ހިތި ހަނދާން" މިނަމުގައި، މާލޭގެ އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ރޭ ބާއްވައަިފިއެވެ. ގދ. ތިނަދޫއިން އޭރު ތިބި 4000 އެއްހާ މީހުން މަދު ގަޑި އިރެއްގެ ތެރޭގައި ބާލާ، ރަށުގައި ހުޅު ޖަހާ ހަދާފައިވަނީ 4 ފެބްރުއަރީ 1962 ގައެވެ.
މި ޖަލްސާ އަށް ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން، އަދި މި ހާދިސާ އާއި ބެހޭ މަޢުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. އާރޓިފިޝަލް ބީޗު ސަރަހައްދުގައި ހާހަކާއި ގާތް ކުރާ އަދަދަކަށް މީހުން ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި މި ޖަލްސާ ޓީވީ މޯލްޑިވްސް އިން ދުރަށް ފޮނުވަމުން ދިޔުމާއި އެކު ގިނަ އަދަދެއްގެ ބަޔަކު ޓީވީން މި ޖަލްސާ ބައްލަވާނެ ކަމަށް ލަފާކުރެވެއެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ދިވެިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
މި ޖަލްސާގައި ތިނަދޫ ރައްޔިތުންގެ އެދުވަހުގެ އިޙްސާސް ތަކާއި، ރަށުން ބޭލުމުން އުޅެން ޖެހުނު ދަތި ހާލުގެ މައްޗަށް އަލި އަޅުވާލާ ވާހަކަދައްކާފައި ވެއެވެ. ރަށުން ބޭލުމުން އޭރު އުމުރުން އެއްމެ 6 އަހަރުގެ އަބްދުލް ޤާދިރު އަބްދުﷲ އެކަނި ބ. ގޮއިދޫ ގައި އުޅެން ޖެހުނު ހާލާއި ދިމާވި ބައެއް ހިތާމަވެރި ކަންތައްތަކުގެ ވާހަކަ އެބޭފުޅާ ޙިއްސާ ކުރެއްވިއެވެ. އަދި ތިނަދޫ އަށް އަލްފާޟިލް އިބްރާހިމް ނާސިރު އާއި ދިވެހި ސިފައިން ބަޑި ޖަހާ، މީހުން ޒަޚަމް ކޮށް މެރި ހާދިސާގެ އިތުރުން ތިނަދޫގެ އޮޑި ފަހަރުގަޔާއި ގެދޮރުގައި ހުޅުޖެހި ވާހަކައިގެ ތަފްސީލާއި އެދުވަހު އެ ނިކަމެތި ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރިކަމާއި ނުތަނަވަސްކަން އަލްފާޟިލާ ހަމީޒާ އަފީފް ހާމަ ކޮށްދެއްވިއެވެ.
އަދި މިޖަލްސާގައި އެދުވަހުގެ ކަންތައްތައް ކިޔާދީފައި، އަސްލު ވީޑިއޯ ފުޓޭޖް އާއި ކުޅެފައިވާ ތަންތަންކޮޅު ބޭނުން ކޮށްގެން ހަދާފައި އޮތް ވީޑިއޯ ޑޮކިއުމަންޓްރީ އެއް ދައްކާލުންވެސް އޮތެވެ. މި ވީޑިއޯ ގައި ފުރަތަމަ "ބަޣާވާތަށް" ފަހު ތިނަދޫ ގައި އަލްފާޟިލް އިބްރާހިމް ނާސިރު ބޭތިއްބެވި ސިފައިން ހިންގި ލާއިންސާނީ އަމަލު ތަކުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދީ، އޭރު މި ހާދިސާ ތަޖުރިބާ ކުރި ބައެއް ރައްޔިތުންގެ އިންޓަވިއު ވަނީ ގެނެސްދީފައެވެ. އަދި ދެވަނަ "ބަޢާވާތް" ނުވަތަ މީހުން ބޭލި ހާދިސާގައި ނާސިރުގެ ސިފައިން މީހުންނަށް ކޮށްފައިވާ އަނިޔާ ތަކުގެ މަންޒަރުތައް ދައްކާފައިވެއެވެ.
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ދެއްކެވި ވާހަކަފުޅުގައި މިއީ ބޮސްނިޔާގައި މުސްލިމުންނާއި ދެކޮޅަށް ނުވަތަ ދާރުފޫރުގައި އެޤައުމުގެ ބައެއް މީހުންނާއި ދެކޮޅަށް ހިންގި ފަދަ ޖަރީމާއެއް ކަމަށް ފާހަގަ ކުރައްވަމުން، މިއީ ބައިނަލްއަޤުވާމީ ކޯޓަކުން ނަމަވެސް އޭގެ ހައްޤު ހޯދަން ޖެހޭ ފަދަ ހާދިސާއެއް ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ޒުވާން ކުދިންނަށް މި ހާދިސާގެ ތަފްސީލު ނޭގޭ ކަމަށާއި، މަދަރުސާގައި މިފަދަ ހާދިސާ ތަކުގެ ތަފްސީލު، ދިވެހި ތާރީޚް އޭގެ ހައްޤު ގޮތުގައި ކިޔަވައިދިނުމުގެ މުހިއްމު ކަމަށް ބައްލަވާލެއްވިއެވެ.
މި ޖަލްސާ އަށް ފަހުގައި 4 ފެބްރުއަރީ 1962 ދިވެހި ވަޒީރުލް އަޢުޒަމް އަލްފާޟިލް އިބްރާހިމް ނާސިރު ހިންގި "ޖަރީމާ" ކުއްވެރިކޮށް، މިކަން ތަހުޤީޤު ކޮށް، ހައްޤު ހޯދައިދިނުމަށް އެދި ދިވެހި ސަރުކާރަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއި ކުރުންވެސް އޮތެވެ. މި ޖަލްސާ އަށް ހާޒިރުވި ގިނަ ބަޔަކު ވަނީ މި ޕެޓިޝަނުގައި ސޮއި ކޮށްފައެވެ.
ތިނަދޫގައިވެސް "ހަވަރު ތިނަދޫގެ އެ ހިތި ހަނދާން" ގެ ޖަލްސާ އެއް ރޭގައި ވަނީ ބާއްވާފައެވެ.

0 comments:
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް