ނޯޓެއް:
މިއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ހުވަދުއަތޮޅު ދާންދޫ އަލްފާޟިލް މޫސާ ކަތީބަށް ދެއްވި ހުވަދުއަތޮޅުގެ ވާރު (އަތޮޅުވެރިކަމުގެ) ފަތް ކޮޅުގެ ނަކަލެވެ. މިއީ އަޞްލު ފަތްކޮޅު ދުވަސްވެ ބާވެފައި ވީނަމަވެސް އޭގެ ޢިބާރާތަށް އުނި އިތުރެއް ނުގެނެސް އެއާއި އެއްގޮތަށް ކޮށްފައިވާ ނަކަލެކެވެ. މި ނަކަލު އޮތީ ހަވަރުތިނަދޫ ޖަނަވަރީގޭ އަލްމަރްޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުން ތަކުގެ ތެރޭގައި އެވެ. މުޢީނުއްދީން އިސްކަންދަރު ރަދުން ރަސްކަން ކުރެއްވީ1835-1779 އަށެވެ. މިމޫސާ ކަތީބަށް މޫސާތަކުރުފާނު، އަދި ވާރުވެރި ކަލޭގެފާނު ވެސް ކިޔައި އުޅެއެވެ. މީނާ ދިރިއުޅުއްވި ގެ ދާދި ފަހަކާއި ޖެހެންދެން ވެސް "ވާރުގެ" ނަމުގައި ދާންދޫގައި ހުއްޓެވެ. މި ގެ ދެކެފައިވާ ގިނަ މީހުން ދާންދޫ ގައި މިހާރުވެސް އެބަތިއްބެވެ. މި ގެ ނައްތާލީ އެތާގައި އެހެން ގެއެއް އެޅުމަށެވެ.
ފަތްކޮޅު:
ސުވަސްތީ ސިރީމަތަ މަހާސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ވިދާޅީން.
މި ދިވެހިރާއްޖޭ ސަރުސަނަ ރާދަ ބައުދިނަ އާނަންދަކޮށު. ފުރަވޮޑުނަ ދަދިން ނާންދަ ބޮވަނަ ލަދަވަރުދާނަ ދަވަޅަ ކާންނުރަކޮށު. ބަސިސަ ލޯކަ މަހާރަދުން ފުރަގަޅަ ކުއްދަޅަކޮށު. ކައްތިރެ ދެލިކަމުން މިދޭހައިން ބައިނި ދުބާކޮށު. ސަވާދަ ސާސްތުރަ ސަވާލައްކަ ފަނަމިދީ މަލިކައްޑު މިދެމެދު އެކުނަން އޮންނަނީކޮށު. އަނެކަކު ނަންނެތީކޮށު. ފުރަމާލޭ ރަތުރަނައި ރަސަދުރަވަތީ ޖައުހަރު އިރަނި އަރުތިބޭ ދިރިކުސައިރަ ކޮއިލު މަތީ ކައްފިކައީ ތިބޭހިދަށަ ކައްތިރި ބޮވަނަމަހާ ބައްތިރި ބަރުނަ ބަތާކާ އަސްކަރު ރެއްސިވެކެ ދިގެން ދިވެތި މަންދޭށަ ކޮށު. ރަންމަނި އާދީއްތަ އަންބަރައިރަ ސަރުދާލޭސް މައްތީ އުއްތަރަ އާނަންދަ ވޮޑިގެ ނިދާ ފުރަކީރިތި ރެދެލިކުރަނަ ދެވަނަ އަވެރެދު ރަމަޟާން މަސް ކުރިމަތި ކުރައްވައި ހޮބަހިރިއާ ސުއްދައިން ވިދާޅިން. މަގޭ ވޮނަދަނަ ރާއްޖޭ ހުވަދުންމަތީ ވާރު މަތިކުރައްވައި ވިދާޅުފަތާއި ދީ ތިބާ އަތޮޅު ދާންދޫ ޢަލީ އަޅާގެ ފުތް މޫސާ ޚަތީބު އަޅާ ތިބާ ފޮނުއްވީމު.
މިއަޅާދަނި ކޮންމެ ތިބާ އަތޮޅު ރަށްރަށު ޚަޠީބު، މުދިމު، މުދިމުގެމިމާނު، މެދުކެމި، އަންހެން، ފިރިހެން، ފަރުވެރި، ކެމި، ކެއޮޅު، ބުޅަވެރި، ގަތަނި، ފަހަނި، ބައްދަނި، ފެންލާ އަރިއަށްކުރަނި، ލިއަނި، ކަހަނި، ކަށަނި، ތިލޭރު، ކަބުރު، ވަޑި، ފޭރު، ހިތްތެރި، ހިތޭރި، ބައްތެރި، ބަތޭރި، މޯލަދިމޯލާންދި، އަވަނާކަރާން، ބަޑޭރި، ވަރުވެރި، ބުޅަވެރި، ބޮއިކުދިނުބޮއި، ބޮއިކުދި ދޮންބެއިކެބި، ބަރަނި މިލާލިމޭލި، މަސްމެރި، ރާއެރި، ކުދި ބޮޑުކަމު އުޅޭ އެންމެއަޅުތަކުނަށް ވިދާޅުފަތެ.
އަންދުވަހު އާދައިން ތިބާ އަތޮޅު ރަށްރަށު ރަސްކާރުދަ މައްޗަށް ހުންނަ ރަސްބޮލި، ރަހުރާ، ރަހުމަސް، އޮމާމަސް، ދަޑިމަސް، ގޮއިމަސް، މިފަދައިންމެ ރަސްކާރުދަ މައްޗަށް ހުންނަ ކޮންމެ އެއްޗަކުން ވަގު ވަންހަނާ ނުކޮށް މިއަޅާ އަށް ދައްކާ ދީފަނީކޮށު.
ތިބާ އަތޮޅު ރަށްރަށު އަޅުތަކުން ހަށަވާދަ އަކަށް ތިބެނުގޮސް މޫސުން މޫސުމަށް އުރައިލައި،އުރައިކަޑައި ދައްކާ ދީފަނީކޮށު.
(ނިމުނީ)


0 comments:
Post a Comment
ތިޔަބޭފުޅުންގެ ޙިޔާލު ދެއްވާ... ޙިޔާލު ދެއްވާ އިރުގައި ދިވެހި ބަހުން ދެއްވުން އެދެވިގެންވެއެވެ. އަދި ނަން ހާމަކޮށްލެއްވުންވެސް ރަނގަޅުވާނެއެވެ. ޝުކުރިއްޔާ! - ހަވަރުއޮންލައިން ޓީމް