ހަތަރުވަނަ މަކީޓާ އިންޓަރ އެޓޯލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެއްވަނަ، މިމުބާރާތުގައި ރާއްޖޭގެ ދެކުނުން ވާދަކުރި ހަމައެކަނި ސްކޫލް ކަމަށްވާ ގދ އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ. މިމުބާރާތުގައި ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެއްވަނީ ޤައުމީ ރިކޯޑެއްވެސް އާކޮށްފައެވެ.
މިމަހުގެ ބާވީހުން ފަންސަވީހަށް ކުޅުދުއްފުށީގައި ކުރިއަށްދިޔަ ހަތަރުވަނަ މަކިޓާ އިންޓަރ އެޓޯލް އެތުލަޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ސުކޫލަކީ ގދ އަތޮޅު ތައުލީމީ މަރުކަޒެވެ. އެސްކޫލްވަނީ 16 އަހަރުންދަށުގެ ދެޖިންސްގެ އެންމެ މޮޅު ސްކޫލް ހޯދުމުގެ އިތުރުން 19 އަހަރުން ދަށުގެ ދެޖިންސްގެވެސް އެއްވަނަ ސްކޫލްގެ މަޤާމް ހޯދާފައެވެ. މީގެއިތުރުން މުޅިމުބާރާތުން ދެޖިންސުންވެސް އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒެވެ.
މިމުބާރާތުން 13އަހަރުން ދަށުން އެންމެ މޮޅު އެތުލީޓަކީ ޖަލާލުއްދީން ސްކޫލްގެ މަރިޔަމް ހަނާ އިބުރާހިމްއެވެ. އަދި ހަމަ މިއުމުރު ފުރައިން ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިމްދާދް އަލީއެވެ. 16އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓަކީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ޝަރޫނާ އާދިލް ހޮވުނުއިރު ހަމަ މިއުމުރުފުރައިން އެންމެ މޮޅު ފިރިހެން އެތިލީޓަކީ ޖަލާލުއްދީން ސްކޫލްގެ އިބްރާހިމް އާދަމްއެވެ. 19އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ އާދިލް ރަޝީދުއެވެ.
މިއުމުރު ފުރައިން އެންމެ މޮޅު އަންހެން އެތުލީޓަކީ މިމުބާރާތުގެ ތަރިއަކަށްވި ގދ އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް އިނާޔާ ފާރޫޤްއެވެ. އިނާޔާވަނީ ނަވާރައަހަރުން ދަށުގެ އަންހެންބައިގެ 5000 މީޓަރުގެ ދުވުމުން ޤައުމީ ރިކޯޑެއް ހަދާފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ މަޤާމްވެސް އިނާޔާވަނީ ހޯދާފައެވެ. މުބާރާތުން އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިމްދާދު އަލީއެވެ.
މިރަސްމިއްޔާތުގައި ވަނަވަނައަށް އައި ފަރާތްތަކަށް މެޑެލް އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަތިއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް ސްޓޭޓް މިނިސްޓަރ އާދަމް ނަސީރުއާއި މަތިދެކުނު ޕްރޮވިސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފްގެ އިތުރުން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނެވެ. މިމުބާރާތުގައި ވާދަކޮށްފައިވަކީ ތިލަދުންމައްޗަށް ނިސްބަތްވާ ހަތްސްކޫލުގެ އިތުރުން ގދ އަތޮޅު ތައުލީމީ މަރުކަޒްއެވެ. މިމުބާރާތަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މުބާތާތެކެވެ.






0 comments:
Post a Comment