Showing newest 5 of 7 posts from February 2010. Show older posts
Showing newest 5 of 7 posts from February 2010. Show older posts

ހުވަދުއަތޮޅު ގައި އެގެން އޮތް އެންމެ ދުވަސްވީ ވާރު (އަތޮޅުވެރިކަމުގެ) ފަތްކޮޅު


 ނޯޓެއް:
މިއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ހުވަދުއަތޮޅު ދާންދޫ އަލްފާޟިލް މޫސާ ކަތީބަށް ދެއްވި ހުވަދުއަތޮޅުގެ ވާރު (އަތޮޅުވެރިކަމުގެ) ފަތް ކޮޅުގެ ނަކަލެވެ. މިއީ އަޞްލު ފަތްކޮޅު ދުވަސްވެ ބާވެފައި ވީނަމަވެސް އޭގެ ޢިބާރާތަށް އުނި އިތުރެއް ނުގެނެސް އެއާއި އެއްގޮތަށް ކޮށްފައިވާ ނަކަލެކެވެ. މި ނަކަލު އޮތީ ހަވަރުތިނަދޫ ޖަނަވަރީގޭ އަލްމަރްޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުން ތަކުގެ ތެރޭގައި އެވެ. މުޢީނުއްދީން އިސްކަންދަރު ރަދުން ރަސްކަން ކުރެއްވީ1835-1779 އަށެވެ. މިމޫސާ ކަތީބަށް މޫސާތަކުރުފާނު، އަދި ވާރުވެރި ކަލޭގެފާނު ވެސް ކިޔައި އުޅެއެވެ. މީނާ ދިރިއުޅުއްވި ގެ ދާދި ފަހަކާއި ޖެހެންދެން ވެސް "ވާރުގެ" ނަމުގައި ދާންދޫގައި ހުއްޓެވެ. މި ގެ ދެކެފައިވާ ގިނަ މީހުން ދާންދޫ ގައި މިހާރުވެސް އެބަތިއްބެވެ. މި ގެ ނައްތާލީ އެތާގައި އެހެން ގެއެއް އެޅުމަށެވެ.

ފަތްކޮޅު:

ސުވަސްތީ ސިރީމަތަ މަހާސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ވިދާޅީން.
 މި ދިވެހިރާއްޖޭ ސަރުސަނަ ރާދަ ބައުދިނަ އާނަންދަކޮށު. ފުރަވޮޑުނަ ދަދިން ނާންދަ ބޮވަނަ ލަދަވަރުދާނަ ދަވަޅަ ކާންނުރަކޮށު. ބަސިސަ ލޯކަ މަހާރަދުން ފުރަގަޅަ ކުއްދަޅަކޮށު. ކައްތިރެ ދެލިކަމުން މިދޭހައިން ބައިނި ދުބާކޮށު. ސަވާދަ ސާސްތުރަ ސަވާލައްކަ ފަނަމިދީ މަލިކައްޑު މިދެމެދު އެކުނަން އޮންނަނީކޮށު. އަނެކަކު ނަންނެތީކޮށު. ފުރަމާލޭ ރަތުރަނައި ރަސަދުރަވަތީ ޖައުހަރު އިރަނި އަރުތިބޭ ދިރިކުސައިރަ ކޮއިލު މަތީ ކައްފިކައީ ތިބޭހިދަށަ ކައްތިރި ބޮވަނަމަހާ ބައްތިރި ބަރުނަ ބަތާކާ އަސްކަރު ރެއްސިވެކެ ދިގެން ދިވެތި މަންދޭށަ ކޮށު. ރަންމަނި އާދީއްތަ އަންބަރައިރަ ސަރުދާލޭސް މައްތީ އުއްތަރަ އާނަންދަ ވޮޑިގެ ނިދާ ފުރަކީރިތި ރެދެލިކުރަނަ ދެވަނަ އަވެރެދު ރަމަޟާން މަސް ކުރިމަތި ކުރައްވައި ހޮބަހިރިއާ ސުއްދައިން ވިދާޅިން. މަގޭ ވޮނަދަނަ ރާއްޖޭ ހުވަދުންމަތީ ވާރު މަތިކުރައްވައި ވިދާޅުފަތާއި ދީ ތިބާ އަތޮޅު ދާންދޫ ޢަލީ އަޅާގެ ފުތް މޫސާ ޚަތީބު އަޅާ ތިބާ ފޮނުއްވީމު.
މިއަޅާދަނި ކޮންމެ ތިބާ އަތޮޅު ރަށްރަށު ޚަޠީބު، މުދިމު، މުދިމުގެމިމާނު، މެދުކެމި، އަންހެން، ފިރިހެން، ފަރުވެރި، ކެމި، ކެއޮޅު، ބުޅަވެރި، ގަތަނި، ފަހަނި، ބައްދަނި، ފެންލާ އަރިއަށްކުރަނި، ލިއަނި، ކަހަނި، ކަށަނި، ތިލޭރު، ކަބުރު، ވަޑި، ފޭރު، ހިތްތެރި، ހިތޭރި، ބައްތެރި، ބަތޭރި، މޯލަދިމޯލާންދި، އަވަނާކަރާން، ބަޑޭރި، ވަރުވެރި، ބުޅަވެރި، ބޮއިކުދިނުބޮއި، ބޮއިކުދި ދޮންބެއިކެބި، ބަރަނި މިލާލިމޭލި، މަސްމެރި، ރާއެރި، ކުދި ބޮޑުކަމު އުޅޭ އެންމެއަޅުތަކުނަށް ވިދާޅުފަތެ.
 އަންދުވަހު އާދައިން ތިބާ އަތޮޅު ރަށްރަށު ރަސްކާރުދަ މައްޗަށް ހުންނަ ރަސްބޮލި، ރަހުރާ، ރަހުމަސް، އޮމާމަސް، ދަޑިމަސް، ގޮއިމަސް، މިފަދައިންމެ ރަސްކާރުދަ މައްޗަށް ހުންނަ ކޮންމެ އެއްޗަކުން ވަގު ވަންހަނާ ނުކޮށް މިއަޅާ އަށް ދައްކާ ދީފަނީކޮށު.

ތިބާ އަތޮޅު ރަށްރަށު އަޅުތަކުން ހަށަވާދަ އަކަށް ތިބެނުގޮސް މޫސުން މޫސުމަށް އުރައިލައި،އުރައިކަޑައި ދައްކާ ދީފަނީކޮށު.
 (ނިމުނީ)

ޑިމޮކްރަސީ ގެ ނަންބޯޑު ހަރުކޮށްގެން ޑިމޮކްރަސީ ވަޅުނުލާށެވެ.


-ކާސިންބެ-
ޑިމޮކްރަސީއަކީ ނުވަތަ މިނިވަންކަމަކީ ވަރަށް ހަރުދަނާ އެއްޗެކެވެ. ދިރިހުރިއެއްޗެކެވެ. އޭގެބޭނުން ކުރަންވާނީ ހެޔޮގޮތުގައެވެ. ހިތަށްއެރިހައި އެއްޗެއްގޮވައި ހިތަށް އެރިހައި ކަމެއް ކުރުމަކީ މިނިވަން ކަމެކޭ ނުކިޔާނެއެވެ. މިނިވަންކަމަކަށް ނުވެސްވާނެއެވެ. މިނިވަން ކަމުގެ ނަމުގައި ތިމާ އަނެކާއަށް ބުނާބަހާއި ކުރާކަންކަމުގައި އަނެކާގެ މިނިވަންކަމެއްވެސް އޮންނާނެއެވެ. މި ޙައްގު އޭނާއަށް ނެތްނަމަ އެއީ މިނިވަން މީހަކަށް ނުވާނެކަން ޔަގީނެވެ. އޭނާގެ މިނިވަންކަމެއް ނެތި އެހެން މީހުންގެ ހަމަ އެކަނި އެއްޗަކަށް މިނިވަންކަން ވެއްޖެނަމަ އަލުން ޖެހޭނީ އެތާކަށް މިނިވަންކަން ގެންނާށެވެ. މިނިވަންކަން ހޯދާށެވެ. ގައުމު އޮތީ މިނިވަންކަމުގައި ކަމަށްވާނަމަ އެ ގައުމެއްގެ މިނިވަން ކަމަކީ އެ ތަނެއްގެ ހަމަ އެންމެންގެވެސް އެއްޗެކެވެ. މިހެންނުވެ ވަކިމީހަކަށް އެކަން ލިބި ވަކިމީހަކަށް އެކަންެ ނުލިބި ވާނަމަ އެއީ އިންޞާފަކަށްވެސް ނުވާނެއެވެ.

ލިބެންޖެހޭ އެއްޗެއް ހޯދުމަށް ނުވަތަ ބޭނުމެއްގައިކަމަށްވިއަސް މީހެއްގެގާތަށް ނޫނީ އޮފީހަކަށްގޮސް އެމީހަކު އެދޭހާ އަވަހަކަށް އެކަމެއްނުވެ ހިގައިދާނެކަމަށް ގަބޫލުކުރަން ޖެހެއެވެ. ތިމާއަށް އެ ބޭނުމެއްފުއްދައިދޭންޖެހޭ މީހަކު ނޫނީ ތަނަކުން އެތައްބަޔަކަށް ހަމަ އެކަހަލަކަންކަން ކޮޮށްދޭންޖެހިފައިވާކަން ގަބޫލުކުރަންވާނެއެވެ.އެހާއަވަހެއްނުވިއަސް ކޮށްދޭންޖެހޭކަމެއް ކޮށްދޭނެކަން ދަންނަންޖެހެއެވެ. އެއީ ތިމާގެ ޙައްގަކަށްވާތީއެވެ. ޙައްގު އަދާކޮށްދޭންޖެހޭތީއެވެ. އެކަން ނުވިނަމަ ދެން ހެދޭނެގޮތްވެސް ހުންނާނެއެވެ. މަތީފަރާތަކަށް އެއަޑުުއުފުލިދާނެއެވެ. އެހެންމަރުޙަލާވެސް ހުންނާނެއެވެ. މިއިންކަމަކަށް ބެލުމެއްނެތި ޚިދުމަތްދޭންހުރި ފަރާތެއްގެ އަބުރަށާއި ކަރާމަތަށް އަރައިގަނެ ހުތުރު އެއްޗެތި ކިޔައި އަޑުގަދަ ކުރުމުން އެއޮތީ އެފަރާތެއްގެ މިނިވަންކަމާއި ޙައްގާއި ވާޖިބަށްވެސް އަރައިގަނެވިފައެވެ. އެއީ ތިމާއަށް ލިބިފައިނުވާ މިނިވަންކަމެކެވެ. ނުވެސްލިބޭނޭ މިނިވަންކަމެކެވެ. މިނިވަންކަމުގެނަންބޯޑު ހަރުކޮށްގެން މިނިވަންކަން ނުވަތަ ޑިމޮކްރަސީގެނަންބޯޑު ހަރުކޮށްގެން ޑިމޮކްރަސީ ވަޅުނުލާށެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވިރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް މިކުރެއްވި ދެދުވަހުގެ ދަތުރުފުޅުގައި، ތިނަދޫގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ތިނަދުއަށް ކުރިމަތިވެފައިވާ އެކި ދަތިތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އޮޅުންފިލުއްވިއެވެ. އަދި ސަރުކާރުން ތިނަދޫގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ ކަންކަމުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ގދ. އަތޮޅު ތަޢްލީމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގެ ކަންތައްތައް ހިނގަމުންދާ ގޮތާއި، މަރުކަޒަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޢްލޫމާތު އޮޅުންފިލުއްވިއެވެ.
ތިނަދޫ ހައުސިންގ ޕްރޮޖެކްޓާބެހޭ މަޢްލޫމާތު، ތިނަދޫ ރައްޔިތުންނަށް ދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އަދި ތިނަދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކާވެސް ބައްދަލުކުރެއްވިއެވެ.
ތިނަދޫ ކުނި ނައްތާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙް ކޮށްދެއްވިއެވެ. އަދި ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލުގެ ކަންތައްތައް ހިނގަމުންދާ ގޮތްވެސް ބައްލަވާލެއްވިއެވެ.
ޙަބަރު: ޓީ ވީ އެމް

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކާ ރޭ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކާ ރޭ ބައްދަލުކުރައްވައިފިއެވެ.
ދަނޑުވެރިކަމާބެހޭ ސެމިނާރެއްގެ ގޮތުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު، ޚާއްޞަކޮށް، ކަންނެލީގެ މަސްވެރިކަމުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މިކަމާ ގުޅިގެން ސެމިނާރުގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އާމިނަތު ޝާފިޢާ ޖަވާބު ދެއްވިއެވެ.

ގދ. ތިނަދޫގައި ހިންގެވުމަށް ހަމަޖެހިފައިވާ ކުނި ނައްތާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙުކޮށްދެއްވައިފި


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ހިންގެވުމަށް ހަމަޖެހިފައިވާ ކުނި ނައްތާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތިނަދޫގައި ދުވާލެއްގެ މައްޗަށް ހައެއްކަ ޓަނު ކުނި އުފެދޭކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުނި އުފެދޭ މިންވަރު މަދުނޫން ކަމަށާއި، ގިނައިން ކުނި އުފެދޭ ތަންތަނަކީ ކޮބައިތޯއާއި، މިކަމަށް ޙައްލެއް ހޯއްދެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުނި ގިނަވުމުގެ ސަބަބުން ޞިއްޙީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ދަތިތަކެއް ދިމާވާ ކަމަށާއި، ކުނި ނައްތާލުމުގައި ރަނގަޅު ނިޒާމެއް އޮންނަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މާލޭގައި ކުނި ނައްތާލުމަށް ކުރެވުނު މަސައްކަތްތަކުގެ ތަޖުރިބާތަކުގެ އަލީގައި، ރަށްރަށުގައި މިމަސައްކަތްތައް ހިންގެވުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތިނަދޫ ކުނި ނައްތާލުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުމަށްފަހު، ތިނަދޫގެ އުސްބިމާއި ތިރި ބިން ގުޅޭ ފެންބޮޑުވާ މަގުގެ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެތަން ބައްލަވާލެއްވިއެވެ. އަދި ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.
ޚަބަރު: ޓީ ވީ އެމް
 

ޗޮކޯގެ ޚަބަރު

ކުޅިވަރު

ސިޔާސީ

މުޖުތަމައު

HavaruOnline Copyright © 2009 CHOCO | Designed by Hassan Abdulla